ބައެއް ބާވަތްތަކުގެ ކުށްތައް ސާބިތުވުމުން ގާނޫނީ ވަކީލުންގެ ވަކާލާތުކުރުމުގެ ހުއްދަ ވަގުތީ ގޮތުން ސަސްޕެންޑުކުރުމަށް ބާ ކައުންސިލުން ނިންމައިފި އެވެ.

އެގޮތަށް ނިންމީ ވަކީލުކަމުގެ ހުއްދަ ދިނުމާ ބެހޭ ގަވާއިދަށް ނެގައި އިސްލާހެއްގަ އެވެ، އެ ގަވާއިދު ކުރިން އޮތް ގޮތުން ޖިނާއީ ބޮޑު ކުށެއް، ފާއިތުވި ފަސް އަހަރުގައި ސާބިތުވެފައި ނެތުމަކީ އަދި ސާބިތު ދަރަންޏެއް އޮވެ، ހުކުމުގައި ކަނޑައަޅާފައިވާ ގޮތަށް ދަރަނި ދައްކަމުން ދިއުމަކީ ވަކީލުކަމުގެ ހުއްދަ ލިބުމުގެ ޝަރުތެކެވެ. އެކަމަކު މިއިން ޝަރުތެއް ފުރިހަމަނުވެއްޖެނަމަ ދެން އަމަލު ކުރާނެ ގޮތެއް އެ ގަވާއިދުގައި ބަޔާންކޮށްފައި ނޯވެ އެވެ.

އެ ގަވާއިދު ބުނާގޮތުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތެއްގެ ކިބައިގައި ހަތް ޝަރުތެއް ފުރިހަމަވާން ޖެހެ އެވެ.

ހަމައެހެންމެ ގާނޫނީ ވަކީލެއްގެ ހުއްދަ ލިބިފައިވާ ފަރާތެއްގެ މައްޗަށް، ވަކި ކަހަލަ ކުށްތަކެއް ސާބިތުވެއްޖެކަން، ބާ ކައުންސިލަށް އެނގިއްޖެނަމަ ވެސް އެ ފަރާތެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓޭނެ ކަމަށް ބުނެފައިވެ އެވެ.

އެއީ ގާނޫނުލްއުގޫބާތުގައި ބުނާ ވައްކަމުގެ ކުށެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކުށް އަދި ގާނޫނުލްއުގޫބާތުގައިވާ ސައްހަ ލިޔުމަށް ބަދަލު ގެނައުމާއި، ނަކަލުކުރުމާއި، މަކަރުވެރި އަމަލު ހިންގުމުގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެކެވެ.

ގާނޫނީ ވަކީލެއްގެ ހުއްދަ، ބާ ކައުންސިލުން ހިފަހައްޓައިފިނަމަ، އެ ވަކީލަކަށް އަލުން ހުއްދަ ދޫކުރެވޭނެ ހާލަތުތައް ވެސް ވަނީ ބަޔާންކޮށްފަ އެވެ.

އެގޮތުން ޖިނާއީ ބޮޑު ކުށެއް ކޮށްފިނަމަ، އަލުން ހުއްދަ ދޭނީ ހުކުމް ތަންފީޒުކޮށް ނިމުނުތާ ފަސް އަހަރުވުމުންނެވެ.

ނަމަވެސް ވައްކަމާއި، ސައްހަ ލިޔުމަށް ބަދަލު ގެނައުމާއި، ނަކަލުކުރުމާއި، މަކަރުވެރި އަމަލު ހިންގުމުގެ ކުށެއް ކޮށްފިނަމަ، އެ ކުށެއްގެ ހުކުމް ތަންފީޒުކޮށް ނިމުމުން ހުއްދަ ދޫކުރެވިދާނެ އެވެ.

ހުއްދަ ހިފެހެއްޓުނީ ގާނޫނީ ވަކީލުންގެ ކިބައިގައި ހުރުން ލާޒިމް ޝަރުތެއް އުނިވެގެން ކަމުގައި ވާނަމަ، އެ ޝަރުތެއް ފުރިހަމަވާކަން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.