މަގްލުބާއަކީ އަރަބިންގެ ތެރޭގައި ހާއްސަ މުނާސަަބަތުތަކަށް ތައްޔާރުކުރާ ހާއްސަ ބަތްގަނޑެކެވެ. މި ބަތްގަނޑަކީ އަރަބިންގެ ތާރީހާއި ސަގާފަތާ ގުޅިފައިވާ ކެއުމެކެވެ.

މިފަހަރު މިއޮތީ މި ބަތްގަނޑުގެ ދިވެހި "ވާޝަން"ގެ ވާހަކަ އެވެ. ޖޭއޭ މަނަފަރު ރިސޯޓުގެ އެކްޒެކެޓިވް ޝެފް މޫސާ ނަޒީހުގެ މި ރެސިޕީ ވަނީ އަރަބި ނޫހެއް ކަމަށްވާ ސައުދީއަރަބިއްޔާގެ މަޝްހޫރު "ދަ އަރަބް ނިއުސް"ގައި ޝާއިއު ކުރެވިފަ އެވެ. އެ ރެސިޕީއަށް ބަލާލާނަމެވެ.

ޝެފް މޫސާ ނަޒީހު

ބޭނުންވާ ތަކެތި

  • 2 ޖޯޑު ބާސްމަތީ ހަނޑޫ
  • 5 ޖޯޑު ފިޝް ސްޓޮކް
  • 500 ފަރުމަސް (ސާފުކޮށް ހަމާއެކު ކޮށާފައި)
  • 1 ފިޔާ (ބޮޑުކޮށް ކޮށާފައި)
  • 3 ލޮނުމެދު (ކުދިކޮށް ކޮށާފައި)
  • 1 ސައި ސަމުސާ އަސޭމިރުސް ޕައުޑަރު (ބޭނުންނަމަ)
  • 1/2 1 ސައި ސަމުސާ ސައުދީ ސްޕައިސް މިކްސް (ތައްޔާރު ކުރާނެ ގޮތް ތިރީގައި)
  • 5 ކާފޫރުތޮޅި
  • 3 އިންޗި ފޮނިތޮށި
  • 1 ހިކި ލުނބޯ
  • 2 ސަމުސާ އޮލިވް އޮއިލް
  • ލޮނު (ރަހަލާވަރަށް)
  • 2 ބަށި (1 އިންޗި ދިގަށް ކޮށާފައި)
  • 1 އަލުވި (1 އިންޗިއަށް ކޮށާފައި)
  • 2 ޓޮމާޓޯ (1 އިންޗިއަށް ކޮށާފައި)
  • 1 ކޯލިފްލާވާ (1 އިންޗިއަށް ކޮށާފައި)
  • 1 މުށް ބޮޑު މިރުސް (1 އިންޗިއަށް ކޮށާފައި)
  • ތެޔޮ ( ރަތް ކުރުމަށް)

ސައޫދީ ސްޕައިސް މިކްސްއަށް

  • 2 މޭޒުމަތީ ސަމުސާ ކޮތަނބިރި
  • 1 މޭޒުމަތީ ސަމުސާ ދިރި
  • 1 ސަމުސާ ފޮނިތޮށި (ކުދިކޮށް ކޮށާފައި)
  • 1 މޭޒުމަތީ ސަމުސާ ކާފޫރު ތޮޅި
  • 1 ސައިސަމުސާ ކަރަންފޫ
  • 1 ހިކި ލުނބޯ
  • 1 ބޭ ލީފް
  • 1 ސައި ސަމުސާ ރީނދޫ

ތައްޔާރު ކުރާނެ ގޮތް

  1. ރީނދޫ ނޫން އެހެން ހުރިހާ ބާވަތެއް ތަވައެއްގައި ހޫނުކުރާށެވެ. ރަނގަޅަށް ރޯފިލުމުން އުނދުން މަތިން ބާލައި ހޫނުކޮށް ހުއްޓާ ރީނދޫ އެއްކޮށްލާށެވެ.
  2. ހެދި ހަވާދުގަނޑު މިކްސްޗަރުން ރަނގަަޅަށް ފުނޑުމަށްފަހު ވައިނުވަންނަ މަތިޖެހި އެއްޗެއްގައި ރައްކާ ކޮށްފައި ބަހައްޓާށެވެ. އަދި ބޭނުން ވުމުން ބޭނުން ކުރާށެވެ.

ބަތްގަނޑު ތައްޔާރު ކުރާނެ ގޮތް

  1. އަސޭމިރުސް ޕައުޑަރާއި 1 ސަމުސާ ސައޫދީ މިކްސްގައި ފަރުމަސްކޮޅު މެރިނޭޓް ކުރާށެވެ. ރަނގަޅަށް މެރިނޭޓް ވުމުން މަޑުގިނީގައި މަސްކޮޅު ރޯފިލުވާށެވެ.
  2. ތަވައަަކަށް އޮލިވް އޮއިލް އަޅައި ފިޔައާއި ލޮނެމެދު ރަތް ކުރާށެވެ. ތަރުކާރީކޮޅާއި ހަނޑޫ އަދި ފިޝް ސްޓޮކް ފިޔަވައި ބާކީހުރި ބާވަތްތައް އަޅައި ރަނގަޅަށް އެއްކޮށް ކައްކާށެވެ.
  3. އެއަށްފަހު ފަސް ޖޯޑު ފިޝް ސްޓޮކް އަޅައި ލޮނު ހެޔޮވަރުކޮށް އެއްފަރާތް ކުރާށެވެ.
  4. އެހެން ތެލިތަކަކަށް ތެޔޮ އަޅައި ހުރިހާ ތަރުކާރީތައް ވަކިވަކިން އަޅައި ކައްކާލާށެވެ. އެއްކޮށް ރޯ ނުފިލުވިޔަސް ރަނގަޅުވާނެ އެވެ. އެއަށްފަހު ތަރުކާރީކޮޅުގެ ލޮނު ހެޔޮވަރު ކުރާށެވެ.
  5. 15 މިނެޓު ވަންދެން ހަނޑޫ ފެނަށް އަޅާފައި ބަހައްޓާށެވެ.
  6. ދެން އެހެން ތެއްޔެއްގައި ބަށި، އަލުވި، ޓޮމާޓޯ، ބޮޑު މިރުސް، ފަރުމަސް، ހަނޑޫ، މި ދެންނެވުނު ތަރުތީބުން ފަށަލަ ކުރާށެވެ. އަދި މި ތަރުތީބަށް އަދި އެއް ފަށަލަ އަޅާށެވެ.
  7. އެއަށްފަހު އެ ތެއްޔަށް ކުރިން ތައްޔާރުކުރި ފިޝް ސްޓޮކް އަޅައި މަތިޖެހުމަށްފަހު މަޑުގިނީގައި 25 މިނެޓު އިތުރަށް ކައްކާށެވެ.