މިމަހުގެ 19ގެ ނިޔަލަށް ރާއްޖެއަށް ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ މިހާތަނަށް 102,464 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްސދަތުގައި ރާއްޖެއަށް އައިސްފައި ވަނީ 95,842 ޓޫރިސްޓުންނެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހު އެވްރެޖްކޮށް ދުވާލަކު 5,393 ޓޫރިސްޓުން ރާއްޖެއަށް އާދެ އެވެ. އަދި އެވްރެޖްކޮށް 7.9 ދުވަސް ހޭދަކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 626,392 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަދިވެސް އަންނަނީ ޔުކްރެއިން ހަނގުރާމައާ ހެދި ދަތިކުރުމުގެ ފިޔަވަޅުތައް އިންތިހާއަށް އަޅާފައިވާ ރަޝިއާއިންނެވެ. އެ ގައުމުން އެކަނި 75,594 ޓޫރިސްޓުން މިއަހަރު އައިސްފައިވެ އެވެ. އެއީ މާކެޓްގެ 12.1 ޕަސެންޓް ޝެއާ އެވެ.