ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ ކޮންމެ މަންމައެއް، އަދި ބައްޕައެއްވެސް ބޭނުންވާނެ ކަމެކެވެ. އެގޮތުން ދަރިންނަށް ރަނގަޅު ނަސޭހަތްދީ، ހެޔޮ ގޮތްތައް ބުނެދިނުމަކީ މައިންބަފައިން ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ.

ދެން އުފެދޭ ސުވާލަކީ ދަރިފުޅަށް ރަނގަޅު ގޮތް ބުނެދިނުމުން އެކަނި ފުދޭތޯ އެވެ. އެ ހިސާބުން މަންމަ ނުވަތަ ބައްޕަގެ ޒިންމާ ނިމުނީތޯ އެވެ.

ކުޑަކުދިން ގޯސް ބަސްތައް ބޭނުން ކުރަނީ އެކުދިންނަށް އެފަދަ ބަސްތައް އިވޭތީ އެވެ. ކުދިން ދަސްކުރާނީ އެކުދިންނަށް ފެންނަ ކަންކަމެވެ.

ތުއްތު ކުދިންނަކީ ވަރަށް ފަސޭހައިން ކަންކަން ދެނެގަނެ، ކަންކަން ދަސްކުރާ ބައެކެވެ. އެހެން ކަމުން ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބްފައިން ނަމޫނާ ދެއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ދަރިން ގާތުގައި ހަމައެކަނި ނަމާދު ކުރާށޭ ބުނެ އެކަން ނިންމާ ނުލާށެވެ. ނަމާދު ކުރާ މަންޒަރު އެކުދިންނަށް ދައްކާށެވެ. ޤުރުއާން ކިޔަވާއިރުވެސް ދަރިފުޅު ކައިރީގައި ބައިންދައިގެން އެކަން ކުރާށެވެ.

ތިބާ އަކީ ސިނގެރޭޓް ބޯމީހަކަށްވެ ހުރެ، ދަރިން ގާތުގައި އެކަން ނުކުރަން ނުބުނާށެވެ. ސަބަބަކީ ތިބާ އެކަން ކުރާ މަންޒަރު އެ ދަރިންނަށް ފެންނަނަމަ އެކަން ކުރުމަށް ބާރު އެޅޭނެތީ އެވެ.

ކުރުކޮށް ބުނާނަމަ، ތިބާގެ ދަރިފުޅުގެ ފަރާތުން ފެންނަން އެދޭ ސިފަތައް، ތިބާގެ ކިބައިގައި އަށަގަންނުވާށެވެ. ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތުވާނީ ނަމޫނާ ދައްކައިގެންނެވެ.