އާބަންކޯގެ ބައެއް އިސްވެރިންނަށް ސޯޝަލް ހައުސިން ޔުނިޓުތަކުން ފްލެޓު ދިނީ ގަވާއިދާ ހިލާފަށް ކަމަށާއި އުސޫލާ ހިލާފަށް އެއްވެސް ބަޔަކަށް ފްލެޓް ނުދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ އަސްލަމް މިހެން ވިިދާޅުވީ ކުރީގެ އެޗްޑީސީ އަދި މިހާރު އަބަންކޯގެ ބައެއް ވެރިންނަށާއި ބައެއް މުވައްޒަފުންނަށް ގަވާއިދާ ހިލާފަށް ފްލެޓްތަކެއް ދިން މައްސަލަ ފެންމަތި ވެފައި ވަނިކޮށް، އެކަމާ ބެހޭގޮތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރެއްވުމުންނެވެ.
އަސްލަމް ވިދާޅުވީ އެކަހަލަ މައްސަލައެއް މިފަހުން ފެންމަތިވި ކަމަށެވެ. ކުންފުނީގެ މުވައްޒަފަކަށްވިޔަސް ސޯޝަލް ހައުސިން ޔުނިޓްތަކުން ފްލެޓް ދޭން ވާނީ އޮންނަ އުސޫލުގެ ދަށުން ކަމަށާއި ފްލެޓް ހުރި މީހަކަށް ފްލެޓް ދީގެންވެސް ނުވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި އެކަން ވާނީ ކުންފުނި ތަކަސްވެސް އަންގާފައި ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އެކަން ވަރަށް ސާފުކޮށް ކުންފުނިތަކަށް އަންގާފަ ވާނެ. އެއާ ހިލާފަށް ބަޔަކު ކަމެއް ކުރީމާ އެކަން ބަލަން ޖެހޭ ބެލުންތައް ބަލައި ފިޔަވަޅު ވެސް އަޅާނެ" އަސްލަމް ވިދާޅުވި އެވެ.
ކުންފުންޏެއްގެ ހަރަދުގައި ކުންފުނީގެ މުވައްޒަފުންނަށް އަޅާ ފްލެޓެއް ދިނަސް ރަނގަޅު ކަމަށާއި އެހެންނަމަވެސް އެކަން ކުރަންވާނީ އެއޮންނަ އުސޫލުގެ ތެރެއިން ކަމަށް އަސްލަމް ވިދާޅުވި އެވެ.
"ކުންފުނީގެ މުވައްޒަފަކަށް ވިޔަސް ސޯޝަލް ހައުސިން ކެޓަގަރީ އަށް ފެތޭ މީހަކަށް ސޯޝަލް ހައުސިން ކެޓަގަރީން ލިބެން ޖެހޭނީ. އަދި ފްލެޓެއް ހުރި މީހަކަށް ވެސް ފްލެޓެއް ލިބިގެން ނުވާނެ މިއީ ސާފުކޮށް ކޮމިއުނިކޭޓްވެސް ކޮށްފައިވާނެ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.
އާބަންކޯގެ ބޯޑް މެންބަރުންނާއި އެހެން ވެސް ބައެއް އިސްވެރިން ހިމެނޭ ގޮތަށް އެ ކުންފުނީގެ 34 މުވައްޒަފަކަށް ފްލެޓް ބަހަން ނިންމާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ތުހުމަތުކޮށްފައިވެ އެވެ.