އަދުނާނު ސާމީއޭ ބުނުން ނޭނގޭނެ އެކަކުވެސް ނުހުންނާއެވެ. ލަވަކިޔުމުގެ ދާއިރާއިން އޭނާ މަޝްހޫރުވެފައި ވީނަމަވެސް އާއްމުންގެ ސަމާލުކަން އަބަދުވެސް ހޯދާފައިވަނީ އޭނާގެ ބިޔަ ހަށިގަނޑެވެ.
އެހެން ނަމަވެސް މީގެ ދިހަ ވަރަކަށް އަހަރު ކުރިން އަދުނާން އޭނާގެ ހަށިގަނޑަށް ގެނައި ބަދަލުން ގިނަ ބަޔަކު ހައިރާން ކުރުވި އެވެ. އޭނާ ވަނީ ބަރުދަން ލުއި ކުރަން އޭނާ ކުރި ދަތުރާ ބެހޭ ގޮތުން މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކާފަ އެވެ.
އަދުނާން ސާމީ ބުނީ އޭނާ ހިކެން މަޖުބޫރުވީ ބައްޕަ އޭނާއާއި ދިމާލަށް ބުނެފައި ހުރި ބަސްތަކުން ކަމަށެވެ. ލަންޑަންގައި ހުންނަ އޭނާގެ ޑޮކްޓަރަށް ދެއްކުމުން ބުނީ އަހަންނަށް އެންމެ ގިނަވެގެން ވެސް ދިިރިހުރެވޭނީ ހަމަސް ދުވަހުއޭ"
“އެދުވަހު ބައްޕަ އަހަންނާ ދިމާލަށް ބުނީ ބައްޕައަށް ވުރެއް ކުރިން އަހަރެން މަރުވަން ބޭނުމެއް ނުވެޔޭ. އެހެންވެ ހިތަށް އެރީ ބަރުދަން ލުއިކުރަން މަސައްކަތް ކުރަންވިއްޔޭ،” ޕާކިސްތާނުގެ ލާހޫރަށް އުފަން އަދުނާން ސާމީ ބުންޏެވެ.
ބައްޕަގެ އެ އެދުމަށްފަހު އަދުނާން ވަނީ އެއްވެސް ސާޖަރީއަކާނުލައި ކެއުމާއި ކަސްރަތަށް ބަލައިގެން ހަށިގަނޑުން 130 ކިލޯ ލުއިކޮށްފަ އެވެ.
ޕާކިސްތާނަށް އުފަންވި ނަމަވެސް އަދްނާން ސާމީ ދިރިއުޅެނީ އިންޑިއާގަ އެވެ. އޭނާ އިންޑިއާގައި އުޅޭތާ މިހާރު 17 އަހަރު ވެއްޖެ އެވެ.