ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ފުލުހުންނާއި ސިފައިންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމާ ގުޅޭ ދިރާސާތައް ޕޭ ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ އެންމެ މުހިއްމު ކަމަކީ ދައުލަތުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުން ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް ހެޔޮ ބަދަލެއް ގެނެސްދެވިފައިވާ ކަމާއި އަންނަ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަން ފާހަގަކުރެއްވި އެވެ.

ފާއިތުވެ ދިޔަ މުއްދަތުގެ ތެރޭގައި، ދިވެހި ފުލުހުންގެ ޚިދުމަތަށް އައި ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް އައި އެންމެ މުހިއްމު ބަދަލަކީ، އަސްކަރިއްޔާގެ ތެރެއިން ނުކުމެ، މުސްތަޤިއްލު މަދަނީ ޚިދުމަތެއްގެ ގޮތުގައި ހަމަޖެހުންކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ ޚިދުމަތަކީ، ފަރުދުންގެ ވިސްނުމާއެކީ މުޖްތަމަޢަށް އަންނަ ބަދަލުތަކާ އެއްގޮތަށް، އަބަދުވެސް ކުރިއަރައި ތަރައްޤީވަމުން އަންނާނެ ޚިދުމަތެއް ކަމަށާއި އެކަމަށްޓަކައި ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކޮށް ތަރައްޤީކުރުމަކީ، އަބަދުވެސް ސަރުކާރުން އިސްކަން ދީގެން ދަމަހައްޓަންޖެހޭ ސިޔާސަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމިގޮތުން މިދައުރުގެ ތެރޭގައި، ރާއްޖޭގެ 18 ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް، ޖުމްލަ 100 އަށް ވުރެ ގިނަ ރަށުގައި މިހާރު އަންނަނީ ނެއިބަހުޑް ޕޮލިސިންގެ ޚިދުމަތް ދެމުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަނީ، މި އަހަރު ނިމުމުގެ ކުރިން، ހުރިހާ ރަށެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ.