ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ފްލެޓްތަކުގެ މައްސަލާގައި އެ މަސައްކަތް ކުރާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އެޖެންޓްގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) އަށް ތުހުމަތުތަކެއްކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅިކަން ހާމަކޮށްފައި ވަނީ ރާއްޖޭގެ ހަންބޯ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ.
ސައުތުު ކޮރެއާގެ ހަންބޯ ކުންފުނީގެ ފަރާތުން ޖޮންގް ވޫ ކިމް ސޮއިކޮށް ނެރުނު ބަޔާނުގައި ކޭޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން މަންޑޭ ވިއްކާފައިވާ ކަމަށް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.
އެ ކުންފުނިން ނެރުނު ބަޔާނުގައި ވަނީ އެތައް ބަޔަކަށް ނުއަގުގައި ފްލެޓް ވިއްކާފައިވާ ކަމަށެވެ. އަދި ނުއަގުގައި އެތައް ބަޔަކަށް ފްލެޓް ވިއްކާފައިވާއިރު، ގަނެ ވިއްކުމުގެ އެއްބަސްވުމުގައި މަންޑޭ ސޮއިކޮށްފައި ވަނީ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ޖައިޝަން ސައީދު ކިޔާ މީހަކަށް ދީފައިވާ ކަމަށް ބުނާ އެ ކުންފުނީގެ ގަރާރެއް ބޭނުންކޮށްގެން ކަމަށް އެ ކުންފުނިން ބުންޏެވެ.
އަދި ބައެއް އެއްބަސްވުންތަކުގައި ޖައިޝަން ސައީދު ސޮއިކޮށްފައިވާއިރު، ކުންފުނީގެ އެމްޑީގެ ހައިސިއްޔަތުން ކަމަށް ބުނެ، އޮޅުވާލައިގެން ބައެއް އެއްބަސްވުންތަކުގައި މަންޑޭ ސޮއިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
ކަސްޓަމަރުންނާ ހަވާލާދީ އެ ބަޔާނުގައި ވަނީ ސޮއިކުރުމަށް ފަހު ގިނަ ބައެއްގެ އަތުން ފައިސާ ދެއްކުމަށް މަންޑޭ އެދިފައި ވަނީ ނަގުދު ފައިސާ އިން ކަމަށެވެ.
ހަންބޯ ކުންފުނީގެ އެކައުންޓް ހުޅުވާފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކަމަށްވާއިރު، ބައެއް ކަސްޓަމަރުންގެ އަތުން މަންޑޭ ފައިސާ ހޯދާފައި ވަނީ ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ކަމަށް ވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.
އެ ކުންފުނިން ތުހުމަތުކުރާ ގޮތުގައި ބޭންކު އެކައުންޓް ހުޅުވާފައި ވަނީ އެމްޑީ ޗައިނާގައި ހުރި ދުވަސްވަރު، އޭނާގެ ޕާސްޕޯޓް ކޮޕީއެއްގައި ވަކީލަކު ލައްވާ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިގެންނެވެ.
ބީއެމްއެލްގެ ސަމާލުކަމަށް އެކަން ގެނައި އިރު، އެކައުންޓްގައި ހުރި ފައިސާ ވަނީ ނަގާފައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެޕާޓްމަންޓްގެ އަގުގެ ބަދަލުގައި ކާރާއި އެ ނޫން ވެސް ތަކެތި މަންޑޭ އެތައް ބައެއްގެ އަތުން ނަގާފައިވާއިރު، އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކައި ފައިސާ ނަގާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.
ހަންބޯ ކުންފުނިން ނެރުނު ބަޔާނުގައި ވަނީ މައްސަލަ ޖެހިގެން އުޅެނީ ކޭޕާކުގެ ލޯކަލް އެޖެންޓް ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ކަމަށެވެ. އެހެންކަމުން އެކަމުގެ ސަބަބުން ޕްރޮޖެކްޓަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.