ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ބައްލަވައިލައްވައި، މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފި އެވެ. މި މުބާރާތުގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭ ގަލޮޅު ރަސްމީ ދަނޑުގަ އެވެ.

ރައީސްގެ ވާދައިގެ ތަށްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި ބައްދަލުކުރީ ކްލަބް އީގަލްސްއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުންނެވެ. އަދި، މި މެޗު 2 - 0 އިން ކާމިޔާބު ކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުންނެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ ވާދައިގެ ތަށްޓާއި، މެޑަލް ހަވާލުކޮށްދެއްވާފަ އެވެ. މި ރަސްމިއްޔާތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް ޢަދީލް ޖަލީލް ވަނީ 2023 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމުން ބޭނުންކުރާ ޖަރޒީއެއް ރައީސް ސޯލިހަށް ވެދުމަށް އަރުވާފަ އެވެ.

މިއީ ޕްރެޒިޑެންޓްސް ކަޕްގެ ފުޓްބޯޅަ މުބާރާތް ރާއްޖޭގައި ބާއްވާ 69 ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައި ވަނީ 1946 ވަނަ އަހަރުގަ އެވެ.