ދުނިޔޭގެ މަޝްހޫރު ފަންނާނުންނާ އެކު އިނގިރޭސި ވިލާތުގެ ޝާހީ ކޮރޮނޭޝަން ކޮންސެޓް ބާއްވައިފި އެވެ.

ރަސްގެފާނު ޗާލްސް ތިންވަނައަށް ތާޖު އެރުވުމަށް މެއި މަހުގެ 6 ވަނަ ދުވަހު ބޭއްވި ކޮރޮނޭޝަން ރަސްމިއްޔާތާ ގުޅުވައިގެން ބޭއްވި އެ މިއުޒިކް ކޮންސެޓް ބާއްވާފައިވަނީ މެއި މަހުގެ 7 ވަނަ ދުވަހުގެ ރޭގަ އެވެ.

އެގޮތުން މި ކޮންސެޓުގައި ހުށައެޅުންތައް ހުށައަޅައިދިން ލަވަކިޔުންތެރިންގެ ތެރޭގައި ކޭޓީ ޕެރީ، ލައޮނަލް ރިޗީ އަދި ޒެލް އަބެލް ވެސް ހިމެނެ އެވެ.

ހޮނިހިރު ދުވަހުގެ ރަސްމީ ހަފްލާތަކަށްފަހު ޝާހީ އާއިލާގެ މެމްބަރުން ވެސް ވަނީ މި ކޮންސެޓް ބައްލަވާލައްވައިފަ އެވެ. އެގޮތުން ރަސްގެފާނު ޗާލްސް އާއި ރާނީ ކެމިލާގެ އިތުރުން ޕްރިންސް ވިލިއަމްގެ އާއިލާ ވެސް ކޮންސެޓުގެ ތެރެއިން ފެނިގެން ދިޔަ އެވެ.

އާދީއްތަ ދުވަހުގެ ކޮންސެޓުގެ އިތުރުން ވެސް އިނގިރޭސި ވިލާތުގެ އެކި ހިސާބުތަކުގައި ރަސްގެފާނު ޗާލްސް ތަހުތަށް އިސްވުން ވަނީ ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފަ އެވެ.

އެގޮތުން އާއްމުން ވަނީ އެ ގައުމުގެ މަގުތަކަށް ނުކުމެ އާ ރަސްގެފާނާއި ރާނީއަށް މަރުހަބާ ކިޔުމަށްޓަކައި އެކި ހަރަކާތްތައް ބާއްވައިފަ އެވެ.

މިފަދަ ބައެއް ހަރަކާތްތަކުގައި ޚުދު ޝާހީ އާއިލާގެ ބައެއް މެމްބަރުން ވެސް ވަނީ ބައވެރިވެފަ އެވެ.

އެހެން ނަމަވެސް މި ހަރަކާތްތަކުގެ ތެރެއިން ފާހަގަވި އެއް ކަމަކީ ރަސްގެފާނުގެ ހަގު ދަރިކަލުން ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ފެނިފައިނުވާ ކަމެވެ.