ކޭޕާކް ފްލެޓްތަކުގެ މައްސަލާގައި އޭނާގެ މައްޗަށް މަކަރާއި ހީލަތް ހެދި ކަމުގެ ތުހުމަތު ބަޔަކު ކުރީ، އޮޅުވާލައިގެން ވިއްކާފައިވާ ފްލެޓްތަކުން ލިބުނު ފައިސާ ހިފައިގެން ކުންފުނީގެ މައި ހިއްސާދާރު ފިލަން އުޅުމުން އެކަމާ ދެކޮޅު ހެދުމުން ކަމަށް، މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ބުނެފި އެވެ.

އޭނާއާ ގުޅޭގޮތުން ކުރެވޭ ތުހުމަތުތަކަށް ޖަވާބުދިނުމުގެ ގޮތުން މަންޑޭ މިރޭ ނެރުނު ބަޔާނެއްގައި ވަނީ މިއީ ދުރާލާ ރޭވިގެން އޭނާގެ ބޮލުގައި އަޅުވާފައިވާ ދޮގު އިލްޒާމެއް ކަމަށެވެ.

މަންޑޭ ނެރުނު ބަޔާނުގައި ވަނީ ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހުނީ ޖިން ޝިހޫ، ކުންފުނީގެ އެކައުންޓެންޓުންނާ ގުޅިގެން ކޭޕާކްގެ ފްލެޓްތައް ވިއްކައި ލިބޭ ފައިސާ ހިފައިގެން ރާއްޖެ އިން ފިލުމަށް ކުރި މަސައްކަތަށް އޭނާ އެއްބަސްނުވުމުންނެވެ.

އެ ބަޔާނުގައި މަންޑޭ ވަނީ ޖިން ޝީހޫއަށް ތުހުމަތެއްކޮށްފަ އެވެ. އެގޮތުން ކޭޕާކްގެ ފްލެޓްތަކުގައި ބިއްލޫރި ޖެހުމުގެ މަސައްކަތް ހަވާލުކުރި ދިވެއްސަކާ ގުޅިގެން ޖިން ޝިހޫ އޮޅުވާލުންތަކެއް ހިންގި ކަމަށް މަންޑޭގެ ބަޔާނުގައި ފާހަގަކުރި އެވެ.

ޖިން ޝިހޫ ބޭނުންވީ އޭނާގެ 95 ޕަސެންޓް ހިއްސާގެ ތެރެއިން އެއް ޕަސެންޓް ހިއްސާ މިހާރު ކޭޕާކްގެ ސައިޓްގައި މަސައްކަތް ކުރަމުން އަންނަ ޗައިނާ ރައްޔިތެއް ކަމަށްވާ ވޫ ޒީ އަށް ޓްރާންސްފާ ކުރަން ކަމަށް މަންޑޭގެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

މީގެއިތުރުން އެ ކުންފުނީގެ ސެކްރެޓަރީއަކަށް، ކޭޕާކް ފްލެޓުތަކުގައި ބިއްލޫރި ޖެހުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ ކޮންޓްރެކްޓަރު ކަމަށްވާ، ގދ. ފަރެސްމާތޮޑާ، އަލަދަނޑުގެ، ޝިހާހު ސައީދު ކިޔާ މީހަކު އައްޔަންކުރަން ޖިން ޝިހޫ ބޭނުންވި ކަމަށް މަންޑޭ ތުހުމަތުކުރި އެވެ.

"ދެ ޑައިރެކްޓަރުން ތިބި ބޯޑަކަށް ތިން ޑައިރެކްޓަރުން އައްޔަންކޮށް، ކޯރަމް 2 ޑައިރެކްޓަރުންގެ މައްޗަށް ބަދަލުކުރުމަށް މި ހުށަހެޅި ހުށަހެޅުމުން ޖިން ޝިހޫގެ ހަގީގީ މަގުސަދަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގި ހާމަވެގެންދެ އެވެ. އެހެން ނަމަވެސް، ޑޮކިއުމެންޓްގައި ސޮއިކުރުމަށް އަޅުގަނޑު އިންކާރުކޮށް، ދެކޮޅު ހެދުމުން އެ މީހުންގެ އަމާޒަކަށްވީ އަޅުގަނޑުގެ އަބުރު ކަތިލާ ނުބައި ރޭވުމެއްގެ ދަށުން ހަންބޯ މޯލްޑިވްސް އިން އަޅުގަނޑު ބޭރުކޮށްލުމަށް ފަހު ލާރިކޮޅު ހިފައިގެން ފިލުން ކަމާ މެދު ޝައްކެއް ނެތެވެ،" މަންޑޭ ނެރުނު ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވަނީ ކޭޕާކުގެ އަސްލު ކުންފުނި ހަންބޯ ކޮރެއާ އިން ހަންބޯ މޯލްޑިވްސްއަށް ފްލެޓް ވިއްކައި ފައިސާ ބަލައިގަތުމުގެ ބާރު ދީފައި ވިޔަސް، އެއީ އޭޖެންޓަށް ލިބޭ ފައިސާއެއް ނޫން ކަމަށާއި އޭޖެންޓަށް ދެނީ ކުރި މަސައްކަތުގެ އަގު ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ކޭޕާކު ފްލެޓްތައް ހަދާފައި ވަނީ އެތަން ވިއްކައިގެން ލިބުނު ފައިސާއިން ކަމަށާއި ޖިން ޝިހޫގެ އަތުން އެއްވެސް ހަރަދެއް ކޮށްފައި ނުވާނެ ކަމަށް މަންޑޭ ބުންޏެވެ.

މަންޑޭ ބުނީ ކޭޕާކުގެ މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް ދޭން ޖެހޭ އެއްބާރުލުން އޭނާ ދޭނެ ކަމަށެވެ.

މަންޑޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ހުށަހެޅި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް މަންޑޭގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.