ޕްރިޔަންކާ ޗޯޕްރާއަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އަންހެން ތަރިންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. ބޮލީވުޑްއިން އެންމެ އުހަށް އެރުމަށްފަހު ހޮލީވުޑަށް ނުކުމެފައިވާއިރު އޭނާއާ ބެހޭގޮތުން ގިނަ ވާހަކަތަކެއް އެކި ދުވަސްވަރު ފެތުރިފައިވެ އެވެ.
އެގޮތުން ޕްރިޔަންކާ އޭނާއާއެކު މަސައްކަތްކުރި ފިރިހެން ތަރިންނާ ލޯބީގެ ގުޅުން ބޭއްވި ކަމަށް ދެކެވޭ ވާހަކަތައް ވަރަށް ގިނަ އެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާންއާއި ޝާހިދު ކަޕޫރު އަދި އަކްޝޭ ކުމާރު ފަދަ ތަރިން ހިމެނެ އެވެ.
މީގެ ތެރެއިން އަކްޝޭއާއި ޝާހުއަކީ ކުރިންވެސް ކައިވެންޏެއް ކޮށްގެން އުޅޭ ތަރިންނަށް ވާތީ މި ވާހަކަތަކާއެކު އެތަރިންގެ ކައިވެންޏަށް ވެސް ވަނީ އަސަރުކޮށްފަ އެވެ.
މިފަހުން ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ވަނީ އެކުގައި މަސައްކަތްކުރި ފިރިހެން ތަރިންނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް އެއްބަސްވެފަ އެވެ. މިއީ މިފަދަ ގޮތަކަށް އޭނާ އެ ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.
ޕްރިޔަންކާ ބުނީ މިހާރު ކައިވެނި ކޮށްގެން އުޅޭ ނިކް ޖޯނަސްއާ ކައިވެނި ކުރުމުގެ ކުރިން އޭނާގެ އަމިއްލަ ނަފްސަށް ގެއްލުންވި ލޯބީގެ ގުޅުމެއްގައި އުޅެވުނު ކަމަށެވެ.
އެހެން ނަމަވެސް އެ ދުވަސް ފާއިތުވެ ގޮސްފައިވާ ކަމަށާއި މިހާރުގެ ދިރިއުޅުމުގައި އޭނާ އުޅެނީ ވަރަށް ހިތްހަމަޖެހިގެން ކަމަށް ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާ އޭނައަށްވުރެ އުމުރުން 10 އަހަރު ހަގު ނިކް ޖޯނަސްއާ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކައިވެނި ކުރިއިރު ސަރޮގެސީ މެދުވެރިކޮށް އެ ކައިވެންޏަށް މިހާރު ވަނީ ކުއްޖަކު ވެސް ލިބިފަ އެވެ.