ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ހއ. ކެލާ މީހަކު ރޭ މަރުވީ ކޮވިޑް-19 ޖެހިގެން ކަމަށް އެޗްޕީއޭ އިން މިއަދު ނިންމައިފި އެވެ.

މިއީ އަތޮޅު ތެރޭގައި ކޮވިޑް ޖެހިގެން މަރުވި ފުރަތަމަ މީހާ އެވެ. މީގެ އިތުރުން ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 60 އަހަރުގެ ދިވެއްސަކު ވެސް މިރޭ މަރުވެފައިވެ އެވެ.

އެޗްޕީއޭ އިން ބުނީ ރޭ 8:15 ގައި މަރުވީ 58 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާއަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖެ އިން މިހާތަނަށް 8،741 މީހަކަށް ކޮވިޑް-19 ޖެހުނު އިރު، އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން ދިވެހިންގެ ތެރެއިން 5،515 މީހަކަށް ބަލި ޖެހުނު އިރު، ބިދޭސީންގެ ތެރެއިން މި ބަލި ޖެހިފައި ވަނީ 3،226 މީހަކަށެވެ.

މި ބަލިން ރަނގަޅުވެފައި ވަނީ 6،157 މީހުންނެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ސީރިއަސް ހާލަތުގައި ތިބީ 10 މީހެކެވެ.