އުމުރުން 79 އަހަރުގައި އެމެރިކާ އެކްޓަރު ރޮބާޓް ޑި ނީރޯއަށް ހަތްވަނަ ދަރިއަކު ލިބިއްޖެ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

އޭނާގެ އެޖެންޓާ ހަވާލާދީ އެމެރިކާގެ ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ހަފްތާގެ ތެރޭގައި އޭނާއަށް ވަނީ ހަތްވަނަ ދަރިއެއްގެ ބައްޕައަކަށް ވެފަ އެވެ.

އެހެން ނަމަވެސް އެ ދަރިފުޅުގެ މަންމައާއި އެނޫންވެސް އިތުރު އެއްވެސް ތަފްސީލެއް މީޑިއާގައި ހާމަކޮށްފައި ނުވާއިރު ރޮބާޓްގެ އެޖެންޓުގެ ފަރާތުން ވެސް އިތުރު މައުލޫމާތެއް އާއްމުކޮށްފައެއް ނުވެ އެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ފިލުމެއްގެ ޕްރިމިއާގައި ވާހަކަ ދައްކަމުން ރޮބާޓް ބުނީ ދަރިއަކު ލިބުމަކީ އަބަދުވެސް ހާއްސަ އަދި ގޮތް ނޭނގޭ އިހުސާސްތަކެއް ކުރުވާ ކަމެއް ކަމަށެވެ.

ރޮބާޓްއަށް މީގެ ކުރިން ހަ ކުދިން ލިބިފައިވާއިރު އޭގެ ތެރެއިން އެންމެ ދޮށީ ދަރިފުޅު ސޑްރޭނާގެ އުމުރަކީ 51 އަހަރެވެ. އަލަށް އުފަންވި ދަރިފުޅުގެ ދޮށްޓަށް ހުރި ކުއްޖާއަށް މިއަހަރު ފުރުނީ 11 އަހަރެވެ.

އޮސްކާ އެވޯޑް ވެސް ހާސިލް ކޮށްފައިވާ ރޮބާޓް މިހާރު ހަރަކާތްތެރި ވަނީ އޭނާގެ ކުރިއަށް އޮތް ކޮމެޑީ ފިލްމު "އަބައުޓް މައި ފާދާ" ޕްރޮމޯޓް ކުރުމުގަ އެވެ.