ޕްރިޔަންކާ ޗޯޕްރާ އަނެއްކާ ވެސް ބޮލީވުޑްގެ އަނދިރި ފަރާތް ހާމަކޮށްފި އެވެ.

ބޮލީވުޑާއި ހޮލީވުޑްގައި ވެސް މަގުބޫލު ބަތަލާ ޕްރިޔަންކާ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވަނީ ބޮލީވުޑްގައި ރީތިކަން ދެކޭ ގޮތާއި މެދުގައި ވާހަކަ ދައްކާފަ އެވެ. އެގޮތުން ޕްރިޔަންކާ ބުނި ގޮތުގައި ހަމުގެ ކުލައާ ހަށިގަނޑު ހުންނަ ގޮތަށް ބަލާފައި ނޫނީ ފިލްމުތަކުން ފުރުސަތު ލިބިގެން ނުދާ ކަމަށެވެ.

ހަމުގެ ކުލަ ކަޅު މީހުންނަށް އިންޑަސްޓްރީ ތެރެއިން ވެސް ފުރައްސާރައާ ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

ޕްރިޔަންކާ ބުނި ގޮތުގައި ވަކި ގޮތަކަށް ހަށިގަނޑު ހުންނަ މީހުންނަށް ނޫނީ އެކްޓަރަކަށް ނުވެވޭނެ ކަމަށް މިދާއިރާގައި މަސައްކަތް ކުރާ މީހުން ގަބޫލުކުރާ ކަމަށެވެ. އަދި ހަމުގެ ކުލައަކީ ވެސް ބޮލީވުޑްގައި ކާމިޔާބީ އާއި ނާކާމިޔާބީއާ ގުޅިފައިވާ ކަމެއް ކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ އިތުރަށް ބުނި ގޮތުގައި ފިލްމުތައް އުފައްދާ މީހުން ދެކޭ ގޮތުގައި ފަންނާނެއް ނަމަ ކޮންމެ ކަހަލަ ހެދުމެއް އެމީހަކަށް ފިޓްވާން ޖެހޭނެ ކަމަށެވެ.

ބޮލީވުޑްގައި ހިނގާ މިފަދަ އެތަކެއް ވާހަކަތަކެއް ޕްރިޔަންކާ ވަނީ ހިއްސާކޮށްފަ އެވެ.

މީގެ ކުރިން ދިން އެހެން އިއްޓަވިއުއްގައި ޕްރިޔަންކާ ވަނީ އޭނާ ބޮލީވުޑް ދޫކޮށް ހޮލީވުޑަށް ބަދަލުވާ ޖެހުނު ސަބަބު ހާމަކޮށްފަ އެވެ.

ބޮލީވުޑުން ހޮލީވުޑަށް ގޮސްފައިވާ ކުރީގެ ރީތީގެ ރާނީ ޕްރިޔަންކާ ބުނީ ބޮލީވުޑްގައި ބަޔަކު ގެންދިޔައީ އޭނާ ކަނަކަށް ކޮއްޕާލަން މަސައްކަތް ކުރަމުންނެވެ. ފިލްމުތަކަށް އޭނާ ނަގަން ބޭނުން ނުވާ ބަޔަކު ތިބި ކަމަށާއި އޭނާއާ ބައެއް މީހުންނާ ދެމެދު އޮތީ މައްސަލަޖެހިފައި ކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ބުނިގޮތުގައި ބޮލީވުޑްގައި ޖީލުތަކެއް އުޅެފައިވާ އާއިލާތަކުން އަންނަ އެކްޓަރުންނަށް އެތައް ފުރުސަތުތަކެއް ލިބުނަސް ބޭރުން އައިސް އިންޑަސްޓްރީއަށް ވަންނަ މީހުންނަކަށް އެ ނަސީބެއް ނުލިބެ އެވެ.

އޭބީސީގެ ސިލްސިލާ "ކުއަންޓިކޯ"އިން ލިބުނު ފުރުސަތާއެކު ޕްރިޔަންކާ ވެގެން ދިޔައީ އެމެރިކާގެ ނެޓްވޯކް ޑްރާމާ ސިލްސިލާއެއްގެ ލީޑު ރޯލު ކުޅުނު ދެކުނު އޭޝިއާގެ ފުރަތަމަ މީހާ އަށެވެ. އޭގެ ފަހުން އޭނާ ވަނީ ބޮލީވުޑާއި ހޮލީވުޑްގެ އެކި ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ބާޖީރާއޯ މަސްތާނީ"، "ވައިޓް ޓައިގާ"، "ދަ ސްކައި އިޒް ޕިންކް"، "ބޭވޮޗް"، "ދަ މޭޓްރިކްސް ރެޒަރެކްޝަންސް" އަދި އިތުރު ބައެއް މަސައްކަތްތައް ވެސް ހިމެނެ އެވެ.

ޕްރިޔަންކާ ދެން ފެންނާނީ "ސޭމް ހިއުއަން" އާއި ސެލީން ޑިއޯންއާ އެކު ހޮލީވުޑް ފިލްމު "ލަވް އެގެއިން" އާއި ވެބް ސީރީޒް "ސިޓަޑެލް" އިންނެވެ. އޭނާ އާލިއާ ބަޓް އާއި ކެޓްރީނާ ކައިފްއާއެކު ފެންނާނެ ބޮލީވުޑް ފިލްމު "ޖީ ލޭ ޒަރާ" ވެސް ކުރިއަށް އެބައޮތެވެ.