މައްސަލަ ބޮޑު ވާހަކައަކަށް ބިނާކޮށު އުފައްދާފައިވާ ބޮލީވުޑް ފިލްމު "ދަ ކެރެލާ ސްޓޯރީ"އަށް އެމެރިކާގައި ހޫނު ތަރުހީބެއް ލިބިއްޖެ އެވެ.

އިންޑިއާގެ އެކި ސިނަމާ ތަކުގައި އެޅުވިތާ ހަފްތާއަކަށްފަހު މިދިޔަ ހުކުރު ދުވަހު ދަ ކެރެލާ ސްޓޯރީ ވަނީ އެމެރިކާ އަދި ކެނެޑާގެ 200 އަށްވުރެ ގިނަ ސްކްރީންތަކުގައި އަޅުވާފަ އެވެ.

ފިލްމުގެ އިންޓަނޭޝަނަލް ރިލީޒްއާ ބެހޭގޮތުން ވާޗުއަލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ފިލްމުގެ ޑައިރެކްޓަރު ސުދިޕްތޯ ސެން ބުނީ އެ ފިލްމަކީ ތެދުވެރި އަދި މުޖުތަމައުގައި ކުރިމަތިވެފައިވާ މައްސަލައަކަށް ބިނާކޮށް އުފައްދާފައިވާ "ރިއަލިސްޓިކް ފިލްމެއް" ކަމަށެވެ.

ހަމައެއާއެކު މި ފިލްމުން ޒަމާންތަކަކަށް ގެއްލިފައިވާ އިންޑިއާގެ ކެރެލާ ސްޓޭޓްގެ ވާހަކަތައް ވެސް އާއްމުންނާ ހިސާބަށް ގެނެސްދެވިފައިވާ ކަމަށް އޭނާ ބުންޏެވެ.

"ދަ ކެރެލާ ސްޓޯރީ"އިން ފެނިގެންދަނީ ކެރެލާއަށް ނިސްބަތްވާ ތިން އަންހެން ކުއްޖަކު އިސްލާމްވެ އައިސިސްއާ ގުޅުމުން ދެން ހިނގާ ހާދިސާތަކެކެވެ.

ފިލްމުގެ ވާހަކައާ ގުޅިގެން އިންޑިއާގެ ވެސްޓް ބެންގާލްއާއި ތަމިލްނާޑޫ ސްޓޭޓުން ވަނީ އެ ސްޓޭޓްތަކުގެ ސިނަމާތަކުގައި ފިލްމު ދެއްކުން މަނާކޮށްފަ އެވެ.

އެހެން ނަމަވެސް އެ ނިންމުމާ ދެކޮޅަށް ފިލްމުގެ ޕްރޮޑިއުސަރުން ކޯޓަށް ދިއުމުން ގައުމުގެ އެހެން ހިސާބުތަކުގައި އެއްވެސް މައްސަލައެއް ނެތި ފިލްމު ދައްކަމުން އަންނާތީ އެ ނިންމުމަކީ އެއްވެސް އަސާސެއް ނެތް ނިންމުމެއް ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

ދަ ކެރެލާ ސްޓޯރީގެ ލީޑު ރޯލުތަކުން ފެނިގެންދަނީ އަދާ ޝަރްމާއާއި ޔޯގިތާ ބިހާނީގެ އިތުރުން ސިއްދީ އިދްނާނީ އެވެ.