މިސަރުކާރުގެ ވައްކަމާ ކޮރަޕްޝަންގެ ވާހަކަ ދެއްކުމަކީވެސް ކުށަކަށް ހަދާފާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އުޝަމްގެ ފާދުކިޔުންތައް ސަރުކާރަށާއި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް އަމާޒުކުރައްވާފައި މިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެމްބަރުންތަކެއް އިދިކޮޅު ޕީޕީއެމްޢާއި އެކު ބަންޑަރަ ނައިބް އިބްރާޙީމް ރިއްފަތުގެ އިތުބާރުނެތް ކަމަށް ހުށަހެޅުމުން އެމްޑީޕީގެ މެމްބަރުން ރިއްފަތު ވަކިކުރަން ވޯޓު ދީފި ނަމަ ފިޔަވަޅު އަޅަނެ ކަމަށް އެޕާޓީން ބުނުމުންނެވެ.
އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ އާއި ޖުމްހޫރީ ޕާޓީއާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެމްބަރުން ވަނީ ޗާގޯސް މައްސަލާގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް ޖޮއިންޓް ޕީޖީ ގުރޫޕެއް އެކުލަވާލާފައި އެވެ. އަދި އިދިކޮޅު ޖޮއިންޓް ޕީޖީ ގުރޫޕުން ވަނީ ބަންޑާރަ ނައިބު ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އެވެ.
އުޝާމް ވިދާޅުވީ މިދާ ރޭޓުން ދަންޏާ މިސަރުކާރުން ކުރަމުންދާ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ މަޖިލީހުގައި ދެއްކުމަކީވެސް ކުށަކަށް ހަދާފާނެ ކަމަށެވެ. ސަރުކާރު ޖަވާބުދާރީކުރުވުމަކީ މަޖިލީހުގެ މެންބަރުން އަދާކުރަންޖެހޭ ގާނޫނީ ވާޖިބެއް ކަމަށް އުޝަމް ވިދޅާުވި އެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމަކީ ޤާނޫނު އަސާސީން މަޖިލިސް މެންބަރުންނަށް ލިބިދޭ ހައްގެއް ކަމަށްވެސް އުޝާމް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތް ކަމުގެ މައްސަލަވެސް މަޖިލީހަށް ހުށަހަޅާނެ ކަމަށް ޖޮއިންޓް ޕީޖީ ގުރޫޕުން ވަނީ ބުނެފައި އެވެ.
އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރާވައިގެން ހިންގާ ހަރަކާތްތަކުގައި އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ގަވާއިދާ ޚިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީ އިން ބުންޏެވެ.