ކޮންމެ ދުވަހަކު ވެސް ކިޔެވުމުގެ ދަންފަޅި ނިމުމާއެކު ދަރިވަރުން މޮޕާއި ފިހިގަނޑުފަދަ ސާފުކުރަން ބޭނުންކުރާ އާލަތްތައް ބޭނުން ކޮށްގެން ކުލާހާއި ކުލާހުގެ ވަށައިގެނުވާ ސަރަހައްދު ސާފު ކުރަން ފަށަ އެވެ.
ބިންމައްޗަށް އެޅިފައިވާ ކުނިތައް ކަހައި މޮޕާއި އެހެނިހެން އާލާތްތައް ބޭނުން ކޮށްގެން ސާފު ކުރެ އެވެ. މިކަމުގައި ވަކި ދަރިވަރެއް އިސްތިސްނާ ވުމެއް ނެތި ހުރިހާ ކުދިން ވެސް ބައިވެރިވެ އެވެ.
މިއީ ޖަޕާނުގެ ސްކޫލުތަކުން ކޮންމެ ދުވަހަކު ވެސް ފެންނަ މަންޒަރެކެވެ. އެހެން ގައުމުތަކާ ޚިލާފަށް ޖަޕާނުގެ ސްކޫލުތަކުން ފާހަގަވާ ކަމެކެވެ.
ޒަމާނުއްސުރެ ދަރިވަރުން ލައްވާ ސްކޫލުގެ އިމާރާތާއި ގޯތިތެރެ ފޮޅައި ސާފު ކުރުުމުގެ ސަގާފަތެއް ޖަޕާނުގެ ސްކޫލުތަކުގައި އޮވެ އެވެ. މި ސަބަބަށްޓަކައި އެ ސްކޫލުތައް ފޮޅައި ސާފު ކުރުމަށްޓަކައި ވަކި ހާއްސަ މުވައްޒަފުންނެއް ނުތިބެ އެވެ.
ޖަޕާނުގެ ތައުލީމީ ދާއިރާގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ސާފުތާހިރުކަމަށް ލޯބިކުރާ ޖީލެއް ބިނާ ކުރެވޭނީ އެންމެ ކުޑައިރުއްސުރެ ވެސް އެ އާދަތައް ކުދިންގެ ކިބައިގައި ހަރުލައްވައިގެން ކަމަށް ވާއިރު އެކަމުގެ ފެށުން އެންމެ ރަނގަޅީ ސްކޫލުގެ މާހައުލުންނެވެ.
ޖަޕާނަކީ މުޅި ދުނިޔެއިން ވެސް އެންމެ ސާފުތާހިރު ގައުމުގެ ގޮތުގައި އެތައް ފަހަރަކު ނަން ވެފައިވާ ގައުމަކަށްވާއިރު އެކަމުގެ ފަހަތުގައި ވަނީ ކުޑައިރުއްސުރެ އެގައުމުގެ ރައްޔިތުންގެ ކިބައިގައި އަށަގަނެފައިވާ ސާފުތާހިރުކަމުގެ ރިވެތި އާދަތައް ކަމުގައި ބުނަން ޖެހެ އެވެ.
ޖަޕާނުގެ ތައުލީމީ ނިޒާމުގެ މި އުސޫލަކީ އެހެން ގައުމުތަކުން ވެސް ބަލައިގަނެ އެއަށް އަމަލު ކުރަން ޖެހިފައިވާ އުސޫލެކެވެ. ޚުދު އަހަރުމެންގެ ރާއްޖޭގައި ވެސް ސާފުތާހިރުކަމަށް ދެވޭ އަހައްމިއްޔަތުކަން ކުޑަވެފައިވާއިރު މިއީ އެކަން ހައްލު ކުރަން ކުރެވިދާނެ ކަމެކެވެ.