އާއްމުންގެ މީހަކު ގަވާއިދާ ޚިލާފު ކުޑަ ކަމެއް ކޮށްގެން ފަހަރުގައި ފާހަގަ ނުވެ ހިނގައިދާނެ އެވެ. އެހެން ނަމަވެސް އެންމެންނަށް އެނގޭ މަޝްހޫރު ޝަހްސިއްޔަތަކު އެފަދަ ކަމެއް ކުރުމަކީ އާއްމުންނާއި ކަމާ ބެހޭ ފަރާތްތަކުގެ ސަމާލްކަން ވެސް ލިބޭނެ ކަމެކެވެ.
އެފަދަ ކަމެއް އެންމެ ފަހުން ދިމާވެފައިވަނީ ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބު ބައްޗަން އަށެވެ. މުމްބާއީގެ ޓްރެފިކުން ސަލާމަތް ވުމަށްޓަކައި ސަޕޯޓަރެއްގެ ސައިކަލު ފަހަތުގައި ސެޓަށް ދިޔައިރު އޭނާ ހެލްމެޓެއް ނާޅަ އެވެ.
މި ހާދިސާގެ ފޮޓޯތައް އިންޓަނެޓްގައި ދައުރު ވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ އަމީތާބު ފަދަ ޝަހްސިއްޔަތެއް ގާނޫނުތަކަށް ބޯނުލެނބުމަކީ އާއްމުންނަށް ދެއްކޭ ނުރަނގަޅު މިސާލެއް ކަމަށް ބުނަމުންނެވެ.
މި ފޮޓޯތައް އިންޓަނެޓުގައި ވައިރަލް ވުމާއެކު މުމްބާއީގެ ފުލުހުން ވަނީ އެ ކަން ބަލަމުން އަންނަ ކަމަށާއި ކަަމަށް އެކަށޭނަ ފިޔަވަޅު އަޅާނެ ކަމަށެވެ.
މުމްބާއީގެ ޓްރެފިކް އޮންނަ ގޮތުން ހަތަރު ފުރޮޅުލީ ވެހިކަލްތަކުގައި ތަންތަނަށް ދިއުމަކީ ވަރަށް ވަގުތު ނަގާ ކަމެކެވެ. އެހެން ކަމުން ގިނަ ބަޔަކު ދަތުރުފަތުރަށްޓަކައި ސައިކަލް ޚިޔާރު ކުރެ އެވެ.
އަމީތާބުގެ އިތުރުން އަނުޝްކާ ޝަރްމާ ވެސް ވަނީ މި ހަފްތާގެ ތެރޭގައި ހެލްމެޓާ ނުލައި ސައިކަލެއްގެ ފަހަތުގައި ދަތުރު ކުރަނިކޮށް ފެނިފަ އެވެ.
މީޑިއާތަކުން ލަފާކުރާ ގޮތުގައި މި ދެތަރިންނާ ދެކޮޅަށް މުމްބާއީގެ ފުލުހުން ޖޫރިމަނާގެ އޯޑަރެއް ނެރޭނެ އެވެ.