ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައްޔިތުންނަށް މަޖިލީހުގެ ޖަލްސާގައި ޖަވާބު ދާރީވުމަށް 30 މިނެޓް ކަނޑައަޅައިފި އެވެ.
ޗާގޯސް މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލިގެން ދިޔައީ ބަންޑާރަނައިބުގެ އިހުމަލު އޮވެގެން ކަމަށް ބުނެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ރިފްއަތުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ސޮޔާއި ޕީޕީއެމްއާއި އެމްއެންޕީގެ މަޖިލިސް މެންބަރުންގެ ސޮއިގެ އިތުރުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ސޮޔާއެކު އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ އާންމު މެމްބަރުންގެ ކޮމެޓީގައި ވަނީ ރިއްފަތުއަށް އެ މައްސަލާގައި ޖަވާބުދާރީވުމަށް 30 މިނެޓް ދިނުމަށް ނިންމާފަ އެވެ. މިމައްސަލާގައި ބަހުސް އާއެކު ހޭދަ ވާނީ ދެ ގަޑިއިރެވެ.
މިއަދު ބޭއްވި އާންމު މެމްބަރުންގެ ކޮމެޓީ ޗެއާ ކުރެއްވީ ހެންވޭރު ހުޅަންގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެވެ. އެހެންވެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ ކޮމެޓީ ދޫކޮށް ނިކުމެފަ އެވެ.
ކޮމިޓީން ނުކުންނެވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)ގެ އިތުރުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު އެވެ.
އެބޭފުޅުން ކޮމެޓީ އިން ނުކުތީ މަޖިލީހުގެ ކޮމިޓީތަކަށް ގެންނަން ބޭނުންވާ ބަދަލުތައް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް އެ ބަދަލުތަކާ ނުލައި، ބާއްވާ ކޮމިޓީއަކު ބައިވެރިވާން ބޭނުންނުވާ ކަމަށް ބުނެ އެވެ.