ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިން އެ ކުދިންނަށް ނަމޫނާ ދެއްކުމަކީ ވަަަރަށް މުހިއްމު ކަމެކެވެ. މައިންބަފައިންނަށް ހެދޭ ކުޑަކުޑަ ގޯހެއްގެ ސަބަބުން ވެސް ދަރިންގެ ދިރިއުޅުމަށް ގިނަ އަސަރުތަކެއް ކުރެ އެވެ.

އެގޮތުން ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިންނަށް ގެންގުޅެވޭ ބައެއް އާދަތަކުގެ ސަބަބުން ދަރިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާކަން ސައިންސުން މިވަނީ ސާބިތުވެފަ އެވެ.

ތިމާގެ ދަރިންނާއި އެހެން މީހުންގެ ދަރިންނާ އަޅާކިޔުމަކީ މިފަދަ އެއް އާދަ އެވެ. ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖަކަށް ވީއިރު އެހެން ކުއްޖެއްގެ ގާބިލިއްޔަތުކަމަށް ބިނާކޮށް ތިމާގެ ދަރިންގެ ގާބިލިއްޔަތުކަމަށް ސުވާލު އުފެއްދުމަކީ އެކަމުގެ ސަބަބުން އެ ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެކެވެ.

މީގެ އިތުރުން ދަރިންނަށް ބިރު ދައްކައިގެން ބޭނުންވާ ކަމެއް ކުރުވުމަކީ ނުވަތަ "ބްލެކްމެއިލް" ކުރުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ބިރު ދައްކައިގެން ކަންތައް ކުރުވާނަމަ އެކުދިންގެ އަމިއްލަ ނިންމުންތަކާ މެދް ކުރިއަށް އޮތް މުސްތަގްބަލުގައި ސުވާލު އުފައްދާނެ އެވެ.

އެއާއެކު ދަރިންނަށް އެކަށީގެންވާ ވަރަށް ވަގުތު ނުދެވުމަކީ ވެސް ދަރިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އެކަނިވެރި ކަމާއި ހިތްދަތިކަމުގެ އިހުސާސް ގެނުވައިދޭނެ ކަމެކެވެ.

މައިންބަފައިންގެ އާދަތަކަކީ ދަރިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި އަސަރު ތަކެއް ކުރުވާ ކަންތަންތަކެއް ކަމުން ހުރިހާ މައިންބަފައިން ވެސް މިކަންކަމަށް ސަމާލުވެ ތިބުމަކީ މުހިއްމު ކަމެކެވެ.