ކޮންމެ ދުވަހަކު ވެސް ސީރިއާގެ ކުޑަކުދިން ކޮނޑުގައި ދަބަސް އަޅުވައިގެން ބަހަކަށް އަރަ އެވެ. ކުޑަކުދިން އަޅައިގަންނަ ގޮތަކަށް ޒީނަތްތެރި ކުރެވިފައިވާ އެ ބަހަކީ އެ ކުދިންގެ ސްކޫލު ކުލާސް ރޫމެވެ.

މިއީ މިފަހުން ސީރިއާއަށް ކުރިމަތވި ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހި ވަގުތީ ކޭމްޕްތަކުގައި ދިރިއުޅެމުން އަންނަ އެ ގައުމުގެ ކުޑަކުދިންގެ ހާލަތެވެ. އެ ކުދިންގެ ތައުލީމު އޮތީ "ފުރޮޅުލީ އުޅަނދެއް" ގަ އެވެ.

މި ބަހަކީ ދަރިވަރުންނަށް އުނގަންނައި ދިނުމަށް ހާއްސަކޮށް މޭޒާއި ގޮނޑިއާއެކު ތައްޔާރު ކުރެވިފައިވާ ބަހަކަށްވާއިރު، ބަސް ޒީނަތްތެރި ކުރެވިފައިވަނީ ކުދިން ޝައުގުވެރިވާނެ ގޮތަކަށެވެ.

ފިލާވަޅު ކުރިއަށް ދާއިރު އަލެއްޕޯ ޕްރޮވިންސްގެ ޖިންދާރިސްގެ މަގުތަކުން އެ ބަސް ދުއްވާފައިދެ އެވެ. މިއީ ހާލަތު މަޖުބޫރު ކުރުވި ގޮތް ނަމަވެސް ކުދިންނަށް ތަފާތު، މަޖާ ތަޖުރިބާއަކަށް ވަނީ ވެފަ އެވެ.

މިގޮތުގެ މަތިން ފިލާވަޅުތަކަށް ކުދިންގެ ޝައުގުވެރިކަން ލިބޭ ކަމަށާއި އުނގަންނައިދޭ އެއްޗެހި ދަރިވަރުންނަށް މޭރުންވުން އަވަސް ކަމަށް މުދައްރިސުން ބުނެ އެވެ.

ފެބުރުއަރީ މަހު އަލެއްޕޯއަށް ކުރިމަތިވި ބިންހެލުމުގައި 6،000 އަށް ވުރެ ގިނަ މީހުން މަރުވިއިރު، އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ބިމާ ހަމަވެފަ އެވެ.