ރާއްޖެ ތަރައްގީކުރެވޭނީ އަތޮޅުތަކުގެ ރަށްތައް ތަރައްޤީކުރެވި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އުއްމީދެއް ހޯދައިދެވިގެން ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، މިއަދު ރައީސް ދެކަނބަލުން ފ އަތޮޅަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ފ. ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. މިބައްދަލުވުން އޮތީ، ނިލަންދޫގައި ހުންނަ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގަ އެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި ނިލަންދޫ ރައްޔިތުންގެ ފަރާތުން ރައީސްގެ ދެކަނބަލުންނަށާއި، އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ.

ރައީސް ސޯލިހު އަތޮޅުތަކަށް ކުރައްވަމުންގެންދާ ދަތުރުފުޅުތަކުގައި ރަށްރަށުގެ އާއްމު ރައްޔިތުންނާއި ބައްދަލުކުރައްވާއިރު، ނިލަންދޫ ރައްޔިތުންނާއި އެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންބައިވެރިވެވަޑައިގެން މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރައްވާފައިވެ އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ނިލަންދޫއަށް ވަޑައިގެންނެވި އިރު ނިލަންދޫ ރައްޔިތުން އެމަނިކުފާނަށް ދަންނަވާފައިވާ ކަންކަމުގެ ތެރެއިން ގިނަ މަޝްރޫޢުތަކެއް ނިމި އަދި ބައެއް މަޝްރޫއުތައް މިހާރު ހިނގަމުންދާކަމަށެވެ. މިގޮތުން ހިންގިފައިވާ ބައެއް މަޝްރޫއުތުތަކާއި ކުރިޔަށް ރޭވިފައި ހުރި ބައެއް މަޝްރޫއުތަކުގެ މައުލޫމާތު އެމަނިކުފާނު ރައްޔިތުންނާއި ހިއްސާކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ނިލަންދޫ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބަނދަރުގެ މަސައްކަތާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ލަހެއް ނުވެ ފެށިގެންދާނެ ކަމަށެވެ. އަދި ނިލަންދޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ނިލަންދޫ ފަޅުތެރެއިން އިތުރު ދެރަށެއް ހިއްކައި ރިޒޯޓު ތަރައްގީކުރުމަށް ރޭވިފައިވާކަން ހާމަކުރެއްވި އެވެ. އަދި މިސަރަހައްދުގައި ޤާއިމްކުރާ ފުލުހުންގެ މަރުކަޒު ނިލަންދޫގައި ޤާއިމްކުރުމަށް ރޭވިފައިވާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި ނިލަންދޫ ރައްޔިތުން ވަނީ، މިވަގުތަށް ރައްޔިތުންނަށް ބޭނުންވެފައިވާ މުހިއްމު ކަންކަމާއި، އަދި ދަތިވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ޙިއްޞާ ކުރައްވާފައެވެ. މިގޮތުން، ރަށުގެ މަގުހެދުމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ހޮސްޕިޓަލްގެ ތަރައްޤީއަށާއި، ސްކޫލުގެ ތަރައްޤީއަށް އަދި ކުޅިވަރުގެ ދާއިރާއިން ރައްޔިތުން ބޭނުންވެފައިވާ ކަންކަން ރައީސާއި ޙިއްސާކުރެއްވި އެވެ.

ރައީސް ނިލަންދޫގެ ރައްޔިތުންނާއި އެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައްޔިތުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި އެކުގައި މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ރައީސްގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި މިރަސްމީ ދަތުރުފުޅުގައި އެދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.