ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ބުނެ ކޭޕާކުން އެޕާޓްމަންޓްތައް ވިއްކުމުގައި މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނަގާފައިވާކަމުގެ ތުހުމަތުކުރެވި ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ގެއްލިފައި ވަނިކޮށް، އެ ފްލެޓްތައް މި އަހަރުގެ ފަހުކޮޅު ހަވާލުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަންބޯ ކުންފުނިން ބުނެފި އެވެ.

ހަމްބޯ ކުންފުނިން މިރޭ ނެރުނު ބަޔާނުގައި ވަނީ ފްލެޓްތައް ނިންމާ ކަސްޓަމަރުންނަށް ހަވާލުކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި އިތުރު މަސައްކަތްތެރިން ގެނައުމަށް ކުންފުނީގެ ފަަރާތުން ފާސްކުރަންޖެހޭ ކަންކަން ފާސްކޮށްފައި ވާކަމަށެވެ.

އެ ފްލެޓްތަކާ ގުޅޭގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަން ބޭނުންވާނަމަ އެ ފުރުސަތު މިރެއިން ފެށިގެން ހުޅުވާލެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހަމްބޯޓެކް ކޮރެއާގެ ފަރާތުން ރާއްޖޭގައި މަޝްރޫއު ހިންގުމަށް އުފެއްދި ކުންފުނި، ހަމްބޯ މޯލްޑިވްސްގެ 95 ޕަސެންޓް ހިއްސާ އޮންނަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޗައިނާގެ ރައްޔިތެއް ކަމަށްވާ ޖިން ޝިހޫ އަތުގަ އެވެ. ބާކީ ފަސް ޕަސެންޓް ހިއްސާ އޮންނަނީ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ އަތުގަ އެވެ.

ފްލެޓް ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން މީހުންގެ އަތުން މަންޑޭ ފައިސާ ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން މަންޑޭގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.

ހުޅުމާލޭގައި މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް ތަރައްގީކުރުމަށް ހަންބޯ ޓެކް ކޮރެއާ އާއި އާބަންކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޯބަރު 9، 2016 ގަ އެވެ.

ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ.

އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުންތަކަށެވެ.

ކޭ- ޕާކް ނިންމައި، ކަސްޓަމަރުންނަށް ތަން ހަވާލުކުރުމަށް މިހާތަނަށް އެކި ފަހަރު އެކި ތާރީހުތައް ދީފައިވެ އެވެ.