ހިންދީ ސީރީޒްއެއް ކަމަށްވާ "ސަސުރާލް ސިމަރް ކާ" އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ދީޕިކާ ކައްކަރު އެކްޓިން ހުއްޓާލަން ނިންމާފައިވާ ކަން އިއުލާން ކޮށްފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ދީޕިކާ ބުނީ އޭނާ ވަރަށް ކުޑައިރު މަސައްކަތް ކުރަން ފަށާފައިވާ ކަމަށާއި މިހާރު ބޭނުން ވަނީ އޭނާގެ އާއިލާއަށް އިސްކަންދީ "ފުލް ޓައިމް ހައުސް ވައިފް" އަކަށް ވާން ކަމަށެވެ.
2018 ވަނަ އަހަރު އެކްޓަރު ޝުއައިބް އިބްރާހީމްއާ ކައިވެނިކުރި ދީޕިކާ ވަނީ އެ ދެމަފިރިންގެ އަލަތު ދަރިފުޅަށް އޭނާ ބަލިވެ އިންކަން ވެސް ވަރަށް ފަހުން އިއުލާން ކޮށްފަ އެވެ.
"ބަނޑުބޮޑު ދުވަސްވަރުގެ ތަޖުރިބާތައް ވަރަށް ތަފާތު. އަހަރެން ބޭނުންވަނީ މިހާރު ފިރިމީހާއާއި ދަރިފުޅަށް ވަގުތު ދޭން" ދީޕިކާ ބުންޏެވެ.
ހިންދޫ އާއިލާއަކަށް އުފަން ދީޕިކާ ޝުއައބްއާ ކައިވެނި ކުރުމަށްފަހު އިސްލާމްވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވެސް އޭނާއަށް އަމާޒުވި އެވެ. އެހެން ނަމަވެސް އެއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށް ދީޕިކާ ބުނެފައިވެ އެވެ.
ސަސުރާލް ސިމަރްކާގައި ދީޕިކާ ކުޅެދިން "ސިމަރް"ގެ ރޯލަކީ ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ރޯލެކެވެ. އޭނާގެ މީމްތައް ސޯޝަލް މީޑިއާގައި މިހާރު ވެސް ދައުރުވެ އެވެ.