ދަރިފުޅު ނުކާން ބޮޑާހާކާތީ އުޅެން ހެއްޔެވެ؟ ކާާން ދިނުމުގައި އެތައް ވަގުތެއް ހޭދަ ކުރަން ޖެހޭ ހެއްޔެވެ؟ މިއީ ގިނަ މައިންބަފައިންގެ ޝަކުވާ އެކެވެ. މިކަން މެދުވެރިވާ ބައެއް ސަބަބުތަކަށް ބަލާލާނަމެވެ.

ވަކި ރަހައެއް ނުލިބުން

ކޮންމެ ކުއްޖަކީ ވެސް އެންމެ ތުއްތު އިރުއްސުރެ ފެށިގެން ވެސް ކަމުދާ ރަހައެއް ހުންނަ ކުއްޖެކެވެ. އެގޮތުން އެކުދިންނަށް ކަމުނުދާ ރަހައެއް ދޭން މަސައްކަތް ކުރުމަކީ އުނދަގޫ ކަމަކަށްވާނެ އެވެ.

ކާއެއްޗެހި ހުންނަ ގޮތް

ބައެއް ކުދިންނަކީ ކާއެއްޗެހީގެ ޓެކްސްޗާ އާއި އެ ހުންނަ ގޮތުން އެ ކެއުމަށް ޝައުގުވެރިކަން ހުންނަ ކުދިންނެވެ. މިސާލަކަށް، ބައެއް ކުދިންނަކީ ޕާން އަދި ބަނަސް ކަހަލަ އެއްޗެހި ކެއުމަށް ޝައުގުވެރިކަން ހުންނަ ކުދިންނެވެ. އެއީ އެ އެއްޗެއްސަކީ ވަރަށް ފަސޭހައިން ކެވޭ އެއްޗެއްސަށް ވާތީ އެވެ.

ކާން ބޭނުންވާ ގަޑިތައް ނޭނގުން

ތުއްތު ކުދިންގެ ކެއުމުގެ އާދަތައް ބެލެނިވެރިން ބައްޓަން ކުރާ ގޮތުން ކެއުމަށް ހާއްސަ ވަކި ގަޑިތަކެއް ކަނޑައަޅަ އެވެ. ނަމަވެސް މިއީ ދަރިފުޅު އެންމެ ކާން ބޭނުންވާ ވަގުތަށް ނުވެދާނެ އެވެ. އެންމެ ރަނގަޅު ގޮތަކީ ކާން ބޭނުންވުމުން އެކަމަށް އެދެން ދަރިންނަށް ދަސްކޮށްދިނުމެވެ.