އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ގެ ސަބަބުން ދުނިޔޭގެ ގިނަ ކަންތައްތަކެއް ފަނާވެދާނެކަމުގެ ބިރު ނިއުކުލިއަ ހަތިޔާރާއި ޕެންޑަމިކުގެ ނުރައްކަލާ އެއްވަރު ކަމުގައި ތަޖުރިބާކާރުންގެ ޓީމަކުން އިންޒާރު ދީފި އެވެ.

މި އިންޒާރު ދިނީ ޗެޓްޖީޕީޓީ އުފެއްދި ޓީމުގެ އިސް ވެރިޔާ އާއި ގޫގްލްގެ ސީއީއޯ އާއި އެހެން އޭއައި ފާމްތަކެއްގެ އިސް ވެރިން ސޮއިކޮށް އާންމުކުރި ހުޅުވާލާފައިވާ ސިޓީއެއްގަ އެވެ.

"ދުނިޔެއަށް ކުރިމަތިވެދާނެ ބޮޑެތި ޕެންޑަމިކް ފަދަ ކާރިސާތަކާއި ނިއުކްލިއަ ހަނގުރާމަ ފަދަ ކަންކަން ކުރިމަތިވިޔަ ނުދިނުމަށް މަސައްކަތްކުރާ ފަދައިން އޭއައި އިން ދުނިޔެއަށް ކުރިމަތިވެދާނެ ނުރައްކާ ކުޑަކުރެވޭނެ ގޮތަކަށް ވިސްނަނަ ޖެހޭނެ،" އެ ސިޓީގައި ލިޔެފައިވެ އެވެ.

ދަ ސެންޓަ ފޯ އޭއައި ސޭފްޓީ އިން ނެރުނު ބަޔާނުގައިވާ ގޮތުން އޭއައިގެ ޓެކްނޮލޮޖީ ތައާރަފްވަމުން އަންނައިރު އެކަމުގެ ނުރައްކަލާ ބެހޭ ގޮތުން ވިސްނައި މަޝްވަރާ ކުރުމަށް ފެށުމަކީ އެ ސެންޓަރުގެ އުންމީދެވެ.

އޭއައި ޓެކްނޮލޮޖީގެ އެންމެ ފުންނާބު އުސް ފަރާތްތައް ކަމަށް ގިނަ ބަޔަކު ދެކޭ އިނގިރޭސި ސައިންޓިސްޓުން ކަމަށްވާ ޖެފްރީ ހިންޓަން އާއި ޔޯޝުއާ ބެންގޯ ވެސް ވަނީ އެ ލިއުމުގައި ސޮއިކޮށްފަ އެވެ. އެ ސިޓީގައި ސޮއިކުރި ސައިންޓިސްޓުންގެ އަދަދު 350 އަށް އަރަ އެވެ.

އޭއައި އިން އަތުވެދާނެ ކަމުގައި ބެލެވޭ ނުރައްކަލުން ލިބޭނެ ގެއްލުން ކުޑަކުރުމަށްޓަކައި އެ އުފެއްދުމާ ބެހޭ ގަވާއިދުތައް ހަދައި ހިންގާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކް ވެސް ވަނީ ގޫގްލްގެ ވެރިޔާ ސުންދަރު ޕިޗާއީ އާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.

އޭއައި ޓެކްނޮލޮޖީ ބާރަށް ކުރިއަށްދާ ކަމަށް ވަންޏާ ނުބައި މައުލޫމާތުތައް ފެތުރުމުގެ އިތުރުން އެތައް މިލިއަން ބައެއްގެ ވަޒީފާ ނެތި ދިއުމާއި އިންސާނުންގެ ދަރިފަސްކޮޅަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެދާނެ ކަމުގައި ތަޖުރިބާކާރުން ލަފާކުރެ އެވެ. އެހެންކަމުން އެ ޓެކްނޮލޮޖީ ތަރައްގީ ކުރަން ވާނީ ހަމަ އެކަނި ރަނގަޅު ފައިދާ ހުރި ކަންތަކަށް ބަލައިގެން ކަމުގައި އެފަރާތްތަކުން ދެކެ އެވެ.

އޭއިއިގެ ޓެކްނޮލޮޖީ އަކީ އަދި އާ ޓެކްނޮލޮޖީއެއް ކަމުގައިވާ އިރު މިހާރު ވެސް ނުބައި މައުލޫމާތު ފެތުރުމާއި ފޭކް ފޮޓޯތަކާއި ވީޑިއޯ އާއި މިއުޒިކް ޓްރެކް އުފެއްދުމުގެ ކުޅަދާނަކަން އެ ޓެކްނޮލޮޖީއަށް ލިބިފައިވާ ވަރަކީ އެކަމާ މެދު ބިރުގަންނަޖެހޭ ވަރުގެ ކަންކަމެވެ.