އުރުދުންގެ ވަލީއަހްދު ކަމަށްވާ ހުސައިން ބިން އަބްދުﷲ ސައޫދީ ރައްޔިތެއް ކަމަށްވާ ރަޖްވާ ޚާލިދު އަލް ސައިފް އާ ކައިވެނި ބައްލަވައިގަންނަވަން ހަމަޖެހިއްޖެ އެވެ.

މި ޝާހީ ކައިވެނީގެ ހަފްލާތަކާއި އުފާ ފާޅުކުރުންތައް އިއްޔެއިން ފެށިގެން އުރުުދުންގެ އެކި ހިސާބުތަކުގައި ކުރިއަށްދާއިރު ޝާހީ އާއިލާއިން އަންނަނީ ކައިވެންޏަށް ތައްޔާރު ވަމުންނެވެ.

ދެދުވަހަށް ކުރިއަށްދާ އެ ހަފްލާތަކުގައި އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ އުރުދުންގެ 4000 އަށްވުރެ ގިނަ ރައްޔިތުންނަށް ދޭ ފަރިއްކޮޅެއް ހިމެނެ އެވެ.

ޝާހީ ކައިވެނި މިއަދު ޒަހްރާން ގަނޑުވަރުގައި އޮންނައިރު ބައިނަލްވަގުވާމީ ފެންވަރުގެ އޮފިޝަލުން ހާޟިރުވާ ކައިވެނީގެ ހަފްލާ އޮންނާނީ ހުސައިނިއްޔާ ޕެލެސްގަ އެވެ.

ވަލީއަހްދު ކައިވެނި ބައްލަވައިގަންނަ ރަޖްވާއަކީ ސައޫދީގެ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ފަރާތެކެވެ. އެހެން ކަމުން ގިނަ ބައަކު އަންނަނީ މި ހާދިސާ އިނގިރޭސި ވިލާތުގެ ޕްރިންސް ވިލިއަމް އާދައިގެ އާއިލާއަށް ނިސްބަތްވާ ކޭޓް މިޑްލްޓަންއާ ކައިވެނި ކުރި ކުރުމާ ގުޅުވަމުންނެވެ.

މި ސަބަބަށްޓަކައި އާއްމުންގެ ގިނަ ބަޔަކާއި މީޑިއާގެ ސަމާލުކަން މި ކައިވެންޏަށް ލިބިފައިވާއިރު އެ ކައިވެނި ގިނަ އަދަދެއްގެ ޓީވީ ޗެނަލްތަކުން ވަގުތުން ދައްކާނެ އެވެ.