"ޔޭ ޖަވާނީ ހޭ ދިވާނީ" އަކީ މިފަހުން ނުކުތް ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލުމެވެ. އެ ފިލްމް ނުކުތްތާ 10 އަހަރު ވެފައިވީ ނަމަވެސް އަދިވެސް އެ ފިލްމަކީ ގިނަ ބައަކު ބަލާ ފިލްމެކެވެ.

2013 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު ސިނަމާތަކަށް ނުކުތް "ޔޭ ޖަވާނީ ހޭ ދިވާނީ" އަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ފިލްމުގެ ޓީމުން ވަނީ ރީޔޫނިއަންއެއް ބާއްވާފަ އެވެ.

އެ ރީޔޫނިއަންގައި ފިލްމުގެ އެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އިތުރުން ޓެކްނިކަލް ޓީމުގެ މެމުބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ. އެ ރީޔޫނިއަންގެ ފޮޓޯތައް މިހާރު ދައުރުވަމުން އަންނައިރު އެންމެ ބޮޑަށް މަގުބޫލުވެފައިވަނީ ލީޑު އެކްޓަރުން ކަމަށްވާ ދީޕިކާ ޕަދުކޯން، ރަންބީރު ކަޕޫރު، ކަލްކީ ކޮޗްލިން އަދި އަދިތްޔާ ރޯއީ ކަޕޫރުގެ ފޮޓޯތަކެވެ.

"ޔޭ ޖަވާނީ ހޭ ދިވާނީ" އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދީޕިކާ ބުނީ އެއީ ފިލުމެއް ނޫން ކަމަށާއި އެއީ އޭނާގެ ހިތުގެ "އެއްބައި" ކަމަށެވެ.

"ޔޭ ޖަވާނީ ހޭ ދިވާނީ"އަކީ އެކުވެރިންތަކެއްގެ މެދުގައި ހިނގާ ލޯބީގެ ކަންތައްތަކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެެ. މި ފިލްމު ޝޫޓު ކޮށްފައިވަނީ މަނާލީގަ އެވެ.