ބަންޑަރަ ނައިބު އިބްރާހިމް ރިފްއަތު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ގާނޫނާ އެއްގޮތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފި އެވެ.

ބަންޑަރަ ނައިބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް އެޖެންޑާ ކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހަށެވެ. އެހެން ނަމަވެސް އެދުވަހުގެ ޖަލްސާއަށް ބަންޑާރަނައިބު ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ. އެކަމަކު ބަންޑާރަ ނައިބު ވަނީ ލިޔުމުން އެ މައްސަލާގައި ޖަވާބުދާރީވެފަ އެވެ.

އެދުވަހުގެ ޖަލްސާއަށް ރިފްއަތު ވަޑައިނުގަތުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ބަންޑާރަ ނައިބު ޖަވާބުދާރީވުމަށް އޭނާ މިއަދުގެ ޖަލްސާއަށް ހާޒިރުނުވުމުން އެ އިދާރާއިން ކަންތައްކުރާނެ ގޮތަކާމެދު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ގޮތެއް ނުނިންމުމުން ދެން ޖެހޭނީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދަން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބަންޑަރަ ނައިބު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ބުދަ ދުވަހު ތާވަލް ކުރި ޖަލްސާގައި އެމަނިކުފަނަށް ލިޔުމުން ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ. އަދި އަނގަބަހުން އެމައްސަލާގައި ޖަވަބުދާރީވުމުގެ ފުރުސަތު ދެއްވުމަށް ވެސް އެދިވަޑައިގަތެވެ.

ރިފްއަތުގެ ސިޓީގައި ވިދާޅުވީ އެދުވަހު ލިޔުމުން ޖަވާބުދާރީވީ ޗާގޯސް މައްސަލާގައި ބައެއްފަރާތްތަކުން ކަމުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަދައްކާފައިވާތީ ކަމާށެވެ. އަދި ގާނޫނު އަސާސީގެ 101 ވަނަ މާއްދަގެ (ށ) ގައި އޮންނަގޮތުން އަނގަބަހުންނާއި ލިޔުމުން ޖަވާބުދާރީވެވޭނެކަން ރިއްފަތުގެ ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.

ގާނޫނުއަސާސީގެ 101 ވަނަ މާއްދާ ބުނާ ގޮތުން، އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ވަޒީރުންނަށް އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި މާއްދާގައި "އަނގަބަހުންނާއި ލިޔުމުން" މިހެން ލިޔެފައި ވުމުން އަނގަބަހުން ޖަވާބުދާރީ ވާންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެ މާއްދާގައި "އަނގަބަހުން ނުވަތަ ލިޔުމުން" މިހެން ލިޔެއޮތްނަމަ ކޮންމެވެސް އެއްގޮތެއް އިހްތިޔާރު ކުރެއްވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ބަންޑާރަ ނައިބު ބޭނުންފުޅު ވާނަމަ ދިފާއު ދޫކޮށްލެއްވޭނެ ކަމަށެވެ.

ބަންޑާރަނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް މަޖިލީހުން 14 ދުވަހުގެ ނޯޓިސް ދިނީ ހުސްވި މަހުގެ 16 ވަނަ ދުވަހު އެވެ. މައްސަލައިގައި ޖަވާބުދާރީވުމަށް ރިފްއަތަށް 30 މިނެޓުގެ ވަގުތު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމި އެވެ.

ރިފްއަތުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 ވޯޓު ލިބިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.