މަގުމަތީގައި ޓްރެފިކް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ހުއްޓުވާ ކޮންމެ ތިން މީހަކުން އެކަކު ހުންނަނީ ގަވާއިދާ ޚިލާފުވެފައި ކަމަށް ފުލުހުން ބުނެފި އެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ މެޖެސުތައް ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފުލުހުން ވަނީ ހާއްސަ ކެމްޕޭނެއް މިއަދު ހަވީރު ފަށައިފަ އެވެ.

"ރައްކާ ރޯޑް ސޭފްޓީ ރަން" އިފްތިތާހުކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކޮންމެ މީހެއްގެ ވެސް ދިރުއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށެވެ. އެގޮތުން މަގުމަތީގައި ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ސަބަބުން ގަވައިދަށް އުޅޭ މީހުންނަށް ވެސް ގެއްލުންވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ މެޖެސުތައް ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފުލުހުން ފެށި "ރައްކާ ރޯޑް ސޭފްޓީ ރަން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

"މިއަދުގެ ސްޓެޓިސްޓިކަށް ބަލާލައިފިއްޔާ ފުލުހުން ހުއްޓުވާ ކޮންމެ ތިން މީހަކުން އެކަކީ ޓްރެފިކް ގަވާއިދާއި ޚިލާފަށް އުޅޭ މީހެއް. ވަރަށް ކަނބޮޑުވާ ދަރަޖައެއްގައި އޮތް ކަމެއްމީ. އެއްގޮތަކުން ވިއްޔާ އަތުގައި ލައިސަންސްއެއް ނޯވޭ،" މަންނާނު ވިދާޅުވި އެވެ. "ލައިސަންސް އޮތިއްޔާ ހުއްދަކުރާ ކެޓަގަރީގެ އެއްޗެއް ނޫން ދުއްވަނީ. ނޫނިއްޔާ ގަވާއިދާ އެއްގޮތަށް ހުރި ސައިކަލެއް ނޫނީ ވެހިކަލެއްގައެއް ނޫން އުޅޭނީ."

އޭނާ ވިދާޅުވީ ފުލުހުން މަގުމަތިން ހުއްޓުވާ ތިން މީހަކުން އެކަކު ގަވައިދާ ހިލާފަށް ދުއްވުން އެއީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ. އަދި މަގުމަތީގެ ގިނަ އެކްސިޑެންޓްތައް ހިނގާފައި ވަނީ އޯވާ ސްޕީޑްކޮށްގެން ކަމަށް ވެސް މަންނާނު ވިދާޅުވި އެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ މެޖެސުތައް ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފުލުހުން ފެށި "ރައްކާ ރޯޑް ސޭފްޓީ ރަން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

އޭނާ ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް މާލެ ސަރަހައްދުގައި މަގުމަތީގެ ހާހެއްހާ އެކްސިޑެންޓް ހިނގާފައިވާއިރު، އޭގެ ތެރޭގައި ނުރައްކާތެރި ހާދިސާތައް ހިމެނޭ ކަމަށެވެ. އަދި އެފަދަ ހާދިސާތައް މަދުކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުން އެއްގަމު އުޅަނދު ދުއްވާ ގިނަ އަދަދެއްގެ ބަޔަކު ގަވައިދާ ޚިލާފަށް އުޅޭކަން ފާހަގަކުރެވޭ ކަމަށް ވެސް މަންނާނު ވިދާޅުވި އެވެ.