ފިލްމް "ބަަރްފީ"އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެކްޓްރެސް އިލިއާނާ ޑި ކްރޫޒު ވަނީ މިދިޔަ އޭޕްރީލް މަހު އޭނާގެ އަލަތު ދަރިފުޅަށް ބަލިވެ އިންކަން އިއުލާން ކޮށްފަ އެވެ.

އެއާއެކު އެންމެންގެ ހިތުގައި ވެސް އުފެދުނު ސުވާލަކީ ދަރިފުޅުގެ ބައްޕައަކީ ކޮބައިތޯ އެވެ. އެހެން ނަމަވެސް މި ސުވާލަށް އިލިއާނާ އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

އޭގެ ފަހުން މި ހަފްތާ ތެރޭގައި އޭނާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކުން ވަނީ އިތުރު ސުވާލުތަކެއް އުފެދިފަ އެވެ. ގުޅޭ އަނގޮޓި އަޅައިގެން އޭނާގެ ބައިވެރިޔާއާއެކު ފެންނަ އެ ފޮޓޯއާ އެކު އިލިއާނާ ބުނެފައިވަނީ އޭނާގެ ލޯބީގެ ސަބަބުން ބައިވެރިޔާއަށް އަރާމުގައި ނުވެސް ކެވޭ ކަމަށެވެ.

މިއާއެކު އިލިއާނާ އޭނާގެ ބައިވެރިޔާއާ އެންގޭޖް ވީތޯ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ. ނަމަވެސް އެކަން ވެސް އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.

މި ފޮޓޯގެ އިތުރުން ވެސް އިލިއާނާ ވަނީ ބަލިވެ އިންކަން އިއުލާން ކުރުމަށްފަހު ކޮންތަނެއްކަން ޔަގީންނުވާ ތަނެއްގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ހިއްސާ ކޮށްފަ އެވެ. ބެލެވޭ ގޮތުގައި އެއީ އޭނާގެ ބައިވެރިޔާއާއެކު ހޭދަކުރާ ޗުއްޓީގެ ފޮޓޯތަކެވެ.

އިލިއާނާ އެންމެ ފަހުން ގުޅިފައިވަނީ ކެޓްރީނާ ކައިފްގެ ބޭބެ ސެބޭސްޓިއަން ކައިފްއާ އެވެ. އެ ދެމީހުން ކެޓްރީނާއާއި އެހެން އެކުވެރިންތަކަކާއެކު ރާއްޖޭގައި ވެސް ޗުއްޓީ ހޭދަކުރި އެވެ.