ރަޝިޔާ އާއި ޔުކުރޭންއާ ދެމެދު ދިގުލައިގެން ގޮސްފައިވާ ހަނގުރާމަ ހުއްޓުވުމަށް ސުލްހައިގެ ޕްލޭނެއް އިންޑޮނޭޝިޔާ އިން ހުށަހަޅައިފި އެވެ.
އިންޑޮނޭޝިޔާގެ ޑިފެންސް މިނިސްޓަރު ޕްރަބޯވޯ ސުބިއަންޓޯގެ މި ހުށަހެޅުމުގައި ވަނީ ޔުކުރޭނުގައި ހަނގުރާމައިގެ ހަރަކާތްތައް ނުހިންގާ ސަރަހައްދެއް ގާއިމު ކުރުމަށް ފަހު މައްސަލަ ޖެހިފައިވާ ސަރަހައްދުގައި އދ. ގެ ބެލުމުގެ ދަށުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.
ޔުކްރޭނުގެ ފޮރިން މިނިސްޓްރީން ވަގުތުން މި ޕްލޭނާ ދެކޮޅު ހަދަމުން ބުނީ ޔުކްރޭނުގެ ހުރިހާ ސަރަހައްދަކުން ރަޝިޔާ ސިފައިން ޝަރުތަކާ ނުލައި ފައިބަން ޖެހޭނެ ކަމަށެވެ.
ސިންގަޕޫރުގައި އޮތް ދުނިޔޭގެ ގައުމުތަކުގެ ދިފާއީ ވަޒީރުން ބައިވެރިވި "ޝަންގްރިލާ ޑިފެންސް ޑައިލޮގް" ގައި ވާހަކަ ދައްކަވަމުން އިންޑޮނޭޝިޔާގެ ޑިފެންސް މިނިސްޓަރު ޕްރަބޯވޯ ހުށަހެޅުއްވި ހުށަހެޅުއްވުމަކީ އެ ގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ މިދިޔަ އަހަރު މޮސްކޯ އަށާއި ކީވްއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ހުށަހެޅުއްވި ޕްލޭނެކެވެ.
ޖީ20 ގެ އޭރުގެ ޗެއާމަންގެ ހައިސިއްޔަތުން ވިޑޯޑޯ ކުރެއްވި އެ ދަތުރުފުޅުގައި ވަނީ ދެގައުމުގެ ދެމެދުގައި ވާހަކަ ދެއްކުމަށް ބައިވެރިއެއްގެ ރޯލު ކުޅެ ދެއްވުމަށް ހުށަހަޅުއްވައިފަ އެވެ.
އިންޑޮނޭޝިޔާ އިން މިހުށަހެޅި ސުލްހައިގެ ޕްލޭނުގައި ވާގޮތުން ދެފަރާތުގެ ލަޝްކަރު ވެސް މިހާރު ތިބި ހިސާބުން 15 ކިލޯމީޓަރު ފަހަތަށް ޖެހެން ޖެހެ އެވެ. އެއަށްފަހު އެ ސަރަހައްދު އދ. ގެ ސުލްހައިގެ ޓީމަކުން ބަލަހައްޓަން ޖެހެ އެވެ. އެއާ އެކު، އޭނާ ވިދާޅުވާ ގޮތުން، މައްސަލަ ޖެހިފައިވާ ސަރަހައްދުތަކުގެ ރައްޔިތުންނަށް އެމީހުން ތިބެން ބޭނުންވަނީ ކޮންބައެގެ ދަށުގައިތޯ ބެލުމަށް ނަގާ ވޯޓެއް އދ. ގެ ބެލުމުގެ ދަށުން ނެގޭނެ އެވެ.
މި ޕްލޭނާ ދެކޮޅު ހަދަމުން ޔުކްރޭނުން ބުނެފައިވާނީ ޔުކްރޭނުގައި މައްސަލަ ޖެހިފައިވާ ސަރަހައްދެއް ނެތް ކަމަށާއި އެހެން ކަމުން ނަގަން ޖެހޭނެ ވޯޓެއްވެސް ނޯންނާނެ ކަމަށެވެ.
ޔުކްރޭނުން އިތުރަށް ބުނީ އެ ގައުމުގެ ރައީސް ޒެލެންސްކީގެ ސުލަހައިގެ ޕްލޭނަށް އިންޑޮނޭޝިޔާއިން ތާއީދުކުރުމަށެވެ. އެޕްލޭނުގައި ވަނީ ރަޝިޔާގެ ސިފައިން އެއްވެސް ޝަރުތަކާ ނުލައި ހިފާފައިވާ ޔުކްރޭނުގެ ސަރަހައްދުތަކުން ވަގުތުން ފޭބުމަށެވެ.
މި ޖަލްސާގައި އީޔޫގެ ފަރާތުން ވާހަކަ ދެއްކެވި ދިފާއީ އޮފިޝަލް ވިދާޅުވި ގޮތުގައި އީޔޫއިން ހަތިޔާރުގެ އެހީ ޔުކްރޭނަށް ފޯރު ކޮށްދިނުން ހުއްޓާލައިފިނަމަ މިހާރު ވެސް ހަނގުރާމަ ހުއްޓި ދާނެ ކަމަށެވެ. އެހެން ނަމަވެސް އޭރުން ހަނގުރާމަ ނިމޭނީ ޔުކްރޭން ރަޝިޔާގެ އަތްދަށަށް ގޮސްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަދަ މީހާ ބަލި މީހާގެ މައްޗަށް ބޭނުންގޮތެއް ހަދާލެވޭ ފަދަ ސުލްހައެއް ބޭނުންނުވާ ކަމަށެވެ.