ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މިއަދު ރިޔާސަތުން ކުރިއަށް ގެންދިޔައީ ވަރަށް ބޭއިންސާފުން ކަމަށް އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުން ބުނެފި އެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މިއަދު ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް އެ އްމައްސަލަ ކުރިއަށް ނުގެންދެވި މިއަދުގެ ޖަލްސާ ވަނީ މެދު ކަނޑާލާފަ އެވެ.

މިއަދުގެ ޖަލްސާ ފެށުމާއެކު އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ މެމްބަރުންނާއި ސަރުކާރަށް ތައީދުކުރާ އެމްޑީޕީގެ މެމްބަރުން ވަނީ މަޖިލީހުގެ ނިޒާމު ގެއްލޭ ގޮތަށް ތަޅުމުގައި އަޑުގަދަކުރައްވައި މުޅި ޖަލްސާ ހަލަބޮލިކޮށްލާފަ އެވެ.

އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި މެމްބަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ އެ މެމްބަރުން އަޑުގަދަކުރައްވަމުން ގެންދިއުމުން އޭޖީއަށް ޖަވާބުދާރީވުމުގެ ފުރުސަތު އަދި ރިޔާސަތަކުން ނުދެ އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވާ އަމަލުކުރެއްވި ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަަަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ފަރާތުން މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ޖަލްސާގައި ރިޔާސަތުން ކަންތައް ކޮށްފައިވަނީ ވަރަށް ހައިރާންކުރުވަނިވި ގޮތަކަށް ކަމަށެވެ. އެމައްސަލާގައި ރިޔާސަތުން އަމަލު ކުރި ގޮތުންނައި އިދިކޮޅު ފަރާތްތަކުން އަމަލު ކުރެއްވި ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ޝަފީގު ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ތަކުގައި އަނގަބަހުންނާއި ލިޔުމުން ޖަވާބު ދާރީ ވުމުގެ ފުރުސަތު އޮތް ނަމަވެސް ފުރަތަމަ މައްސަލަ ހުށަހެޅި ދުވަހު ބަންޑާރަ ނައިބު ލިޔުމުން ޖަވާބު ދާރީ ވުމަށް މަސައްކަތް ކުރުމުން ރިޔާސަތުން އަމަލުކޮށްފައި ވަނީ އެފުރުސަތު ގެއްލޭ ގޮތަށް ކަމަށެވެ. އެހެންވެ އެދުވަހުގެ ޖަލްސާވެސް ކުރިއަށް ނުގެންގޮސް ހުއްޓާލީ ކަމަށް ޝަފީގު ވިދާޅުވި އެވެ. އަދި މިއަދު ބަންޑަރަ ނައިބު މަޖިލީހަށް ވަޑައިގެން ޖަވާބު ދާރީ ވުމަށް ވެސް ފުރުސަތު ނުދެއްވި ކަމަށް ޝަފީގު ވިދޅާުވި އެވެ.

ޝަފީގު ވިދާޅުވީ މިއަދުގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ޖަލްސާގައި އަޑުގަދަކޮށް ޖަލްސާ ހަލަބޮލި ކޮށްލަން ކުރި އެއްވެސް ކަމެއް ރިޔާސަތުން ނުހުއްޓުވާ ކަމަށާ އެހެން ނަމަވެސް އެކަންކަމާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ތެދުވުމުން އެމެމްބަރުން މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައިވާ ކަމަށް ޝަފީގު ވިދާޅުވި އެވެ.

"އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެމްބަރުން އެކަމާ ގުޅޭގޮތުން ރިޔާސަތަށް ސުވާލުކުރުމުން އެމްޑީޕީ މެމްބަރުންގެ ނަން އިއްވާފަ އެބަހުރި އެމްޑީޕީގެ 4 މެމްބަރެއްގެ ނަން އިއްވުމުން އެމެމްބަރުން މަޖިލީހުގެ ތަޅުމުން ނުކުތުމުން މަޖިލީހުގެ ފްލޯ ގެއްލުނީ ، ޕީޖީ ގުރޫޕުން ދެކެނީ ވަރަށް ބޭއިންސާފުން ރިޔާސަތުން އަމަލު ކޮށްފައިވާ ކަމަށް" ޝަފީގު ވިދާޅުވި އެވެ.

އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ހުރަސް އެޅުމަށް ކުރަމުން ދިޔަ ކަންތައްތަކަށް ރިޔާސަތުން ފުރުސަތު ދީފައިވާ ކަމަށް ޝަފީގު ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް ބަންޑާރަ ނާއިބު ހާޒިރުވެ އިންނެވި އެވެ. މިއީ މި މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރި ދެ ވަނަ ފަހަރެވެ.