ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބޮޑު ޒުވާބެއްގެ ތެރެއަށް ގޮސް މަޖިލިސް އިތުރަށް ކުރިއަށް ނުގެންދެވިގެން މަޖިލިސް މިއަދަށް ނިންމާލައިފި އެވެ.
މަޖިލީހުގެ ނިޒާމް ގެއްލުނީ މިއަދު ކުރިޔަށްދިޔަ، ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިތުރަށް ކުރިޔަށް ނުގެންގޮސް، ޕާކް ކޮށްލުމަށްފަހު، އެޖެންޑާގައި ހުރި އެހެން އައިޓަމްތަކާއެކު މަޖިލިސް ކުރިޔަށް ގެންދިއުމަށް ނަޝީދު މަސައްކަތް ކުރެއްވުމާއި ގުޅިގެންނެވެ.
ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިތުރަށް ކުރިޔަށް ނުގެންދިއުމަށް ނަޝީދު މިއަދުގެ ޖަލްސާގައި ނިންމެވީ، އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލިހަށް ޖަވާބުދާރީ ވަމުން، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް 13 މެމްބަރަކާއި މަޖިލިސް ރައީސް ހުށަހެޅުއްވީ ހަމައެކަނި އެބޭފުޅުންގެ ވިސްނުމަށް ކަމަށާއި އެއީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ސަބަބެއް ނޫންކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވާތީ އެއީ މަޖިލިސް މެމްބަރުން އިމްތިޔާޒަށް އަރައިގަތުން ކަމަށް ބުނެ، އިތުބާރު ނެތްކަމުގެ ވޯޓަށްވުރެ ކުރިން ކުރިޔަށް ގެންދަންވާނީ މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ މައްސަލަކަމަށް ވިދާޅުވެ އެވެ.
"އަޅުގަނޑު ގަސްދު ކުރަނީ ބަންޑާރަ ނައިބުގެ އިތުބާރު ނެތް މައްސަލަ މި ވަގުތަށް ނުހިންގަން،" ނަޝީދު ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވީ، އިމްތިޔާޒުގެ މައްސަލައާ ގުޅިގެން އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕާކް ކުރާ ނަމަ ދެން ވެސް އެހެން މައްސަލައެއް މަޖިލިހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެމްޑީޕީގެ މެންބަރުން ވިދާޅުވީ މަޖިލީހަށް ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި އިމްތިޔާޒްގެ މައްސަލަ 48 މެންބަރުންގެ ވޯޓާއެކު ބޭރު ކޮށްލާފައު ވާތީ، އެ މައްސަލަ ކޮމިޓީގައި އޮތަސް އިތުބާރު ނެތް މައްސަލަ މަޑު ޖައްސާލާކަށް ނުޖެހޭ ކަމަށެވެ.
ނަމަވެސް އެ ވާހަކަތަކަށް ސަމާލު ކަމެއް ނުދެއްވާތީ ގާތްގަނޑަކަށް 13 މެންބަރުން މަޖިލީހުގައި ތެދުވެ އަޑުގަދަ ކުރަން ފެއްޓެވި އެވެ.
އެއަށްފަހު ނަޝީދަށް މުގާބޭއަށް ގޮވާ އެމްޑީޕީ މެމްބަރުން ތަޅުމުގައި އަޑުގަދަ ކުރަން ފެށުމުން މިއަދުގެ ޖަލްސާ ނިންމާލީ އެވެ.