ބްރެޑް ޕިޓްއާއި ޖެނިފާ އެނިސްޓަންއަކީ ދެހާހުގެ ކުރީކޮޅުގެ އަހަރުތަކުގައި ހޮލީވުޑްގެ އެންމެ މަގުބޫލު ޖޯޑު ކަމަށް ބުނުމަކުން ދޮގަަކަށް ނުވާނެ އެވެ. އެ ދެތަރިންގެ އެތައް ހާސް ސަޕޯޓަރުންގެ ހިތް ހަލާކުވީ އެ ދެމީހުން ވަކިވި ހިސާބުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެދެމީހުންގެ ކައިވެނި ރޫޅުނީ ކައިވެނީގެ ބޭރުން ބްރެޑް އެންޖަލީނާ ޖޮލީއާއެކު ލޯބީގެ ގުޅުން ބޭއްވިކަން ފަޅާއެރުމުންނެވެ.

ޖެނިފާއާ ވަކިވުމަށްފަހު ބްރެޑް އެންޖަލީނާއާ ކައިވެނި ކުރިއިރު އޭގެ ފަހުން އެ ދެތަރިންގެ މާބޮޑު ގުޅުމެއް މީޑިއާއަށް ފާހަގަވެފައެއް ނުވެ އެވެ.

އެހެން ނަމަވެސް 2022 ވަނަ އަހަރުގެ ތެރޭގައި ބްރެޑް ވަނީ އޭނާއާއި ޖެނިފާ އެނިސްޓަންގެ ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން ޖެނިފާގެ މައްޗަށް އެންޖެލީނާ ޚިޔާރު ކުރެވުނީތީ ހިތާމަކުރާ ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށް ވެސް ބްރެޑް ބުނެފައިވެ އެވެ.

އެގޮތުން އެދެމީހުން ކައިވެނި ކޮށްގެން އުޅުނުއިރު ޖެނިފާއަށް އަޅާލަންވާ ވަރަށް އަޅާނުލެވޭ ކަމަށާއި އޭނާ އަކީ "ފަރުވާކުޑަ" ފިރިއެއް ކަމަށް ބްރެޑް އެއްބަސްވެފައިވެ އެވެ.

ބްރެޑް މި ބީދައިން ވާހަކަ ދައްކާފައިވަނީ 2021 ވަނަ އަހަރު އޭނާއާއި އެންޖެލީނާގެ ކައިވެނި ވެސް ރޫޅި ވަރީގެ ކަންތައް ހިނގަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.

ޖެނިފާއާއި ބްރެޑްއަކީ އޭރު ބެލުންތެރިން އެންމެ ލޯބިކުރި އެއްޖޯޑެވެ. އެ ދެތަރިން އެކުގައި 90ގެ އަހަރުތަކުގެ ހިޓް ޓީވީ ޝޯ "ފްރެންޑްސް"ގައި ވެސް މަސައްކަތް ކޮށްފައިވެ އެވެ.