ކަސްރަތު ކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގެ އެއް ތަނބު ކަމަށް ވިޔަސް ކަސްރަތު ކުރުމުގައި ބައެއް ކަންކަމަށް ފަރުވާކުޑަ ކުރެވިއްޖެނަމަ އޭގެ އަސްލު ނަތީޖާ ނުފެނިދާނެ އެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ކަސްރަތު ކުރާއިރު ސަމާލުކަން ދޭންވީ ބައެއް ކަންކަމަށެވެ.
ކަސްރަތު ކުރުމުގެ ކުރިން މާ ގަދައަށް ނުކެއުން
ކަސްރަތު ކުރަންދިއުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން ބޮޑު ކެއުމެއް ކައިގެން ދިއުން ރަނގަޅެއް ނޫނެވެ. އަހަރެމެން ދުވާއިރު ލޭ ދައުރުވުން އަމާޒުވެފައި ހުންނަނީ ކަށީގެ މަސްތަކަށެވެ. އެހެން ކަމުން ހަަޖަމުގެ ނިޒާމަށް ލޭ ފޯރާ މިންވަރު މަދުވުމުގެ ސަބަބުން ކާ ތަކެތި ހަޖަމަވާ ރޭޓް ދަށްވެ އެވެ. އެހެން ކަމުން ދުވަން ދިއުމުގެ ކުރިން ކައިގެން ދާނަމަ އެ ކާތަކެތި ހަޖަމް ނުވެ ބަނޑުގެ އެއް ފަޅިއެއްގައި ރިއްސުން ފަދަ ކަންތައް ދިމާވާނެ އެވެ.
ގިނައިން ފެން ބުއިން
ކަސްރަތު ކުރަން ދާނަމަ ދުވާލު އެއްކޮށް ވެސް ގިނައިން ފެން ބޯން ވާނެ އެވެ. އެހެން ނަމަވެސް ދުވަން ދިއުމުގެ ކުރިން މާ ގިނައިން ފެން ބޮއެގެން ނުވާނެ އެވެ. އޭރުން ދުވާ އިރު އުނދަގޫވާނެ އެވެ.
ކަސްރަތު ކުރަން ފެއްޓުމުގެ ކުރިން ސްޓްރެޗް ކޮށްލުން
ސްޓްރެޗް ކޮށްލުމަކީ ދުވަން ދިޔަ ކަމުގައި ވިޔަސް ކަސްރަތު ކުރި ކަމުގައި ވިޔަސް މުހިއްމު ކަމެކެވެ. އޭރުން ގައިގެ މަސްތައް މާ ބޮޑަށް ސްޓްރެޗްވުމުން ދުރުކޮށްދޭނެ އެވެ.
ރަނގަޅު ބޫޓެއް ހިޔާރު ކުރުން
ކަސްރަތު ކުރަން ދާއިރު ކޮންމެހެން އަގު ބޮޑު ބޫޓެއް ނުގަތަސް މާ ބާރު ނޫން އަދި މާ ދޫ ނޫން ބޫޓެއް ރަނގަޅުވާނެ އެވެ. އެހެން ނޫންނަމަ ފައިގައި ފޮޅުލާ ކަންތައް ވުން އެކަށީގެންވެ އެވެ