ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ޖިންސީ ކުށުގެ ދައުވާތައް ސާބިތުކުރެވޭނެ ގޮތެއް ނެތް ކަމަށް ބުނެ، އެ ދައުވާތައް ކުރިއަށް ނުގެންދިޔުމަށް ޕީޖީ އޮފީހުން ނިންމައި ދައުވާތައް އަނބުރާ ގެންދިޔުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ޤާސިމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އަލީވަހީދަށް ކުރެއްވި ދައުވާތައް އަނބުރާ ގެންދެވުމަށް ނިންމެވި ނިންމެވުމަށް މަރުހަބާ ދާނަންވާ ކަމެވެ.
އަލީ ވަހީދުގެ މައްޗަށް ކުރީ، ރޭޕް ކުރަން އުޅުމާއި ޖިންސީ އަނިޔާކުރުމާއި ޖިންސީ ގޯނާ ކުރުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ކުށުގެ ދައުވާތަކެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް އަލީ ވަހީދު ރާޢްޖެއިން ބޭރަށް ފުރައިގެން ދިޔުމަށް ފަހު އެނބުރި އައިސްފައި ނުވާތީ އޭނާ ކޯޓަށް ހާޒިރު ކުރެވޭ ގޮތް ނުވެގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ. ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވީ އަލީ ވަހީދު ކޯޓަށް ހާޒިރު ކުރެވޭ ގޮތް ވުމުން އަލުން ހުށަހެޅުމަށެވެ.
އެހެންކަމުން ޕީޖީން ވަނީ، އަލީ ވަހީދު އެނބުރި ރާއްޖެ އައުމުން އަލުން ހުށަހެޅުމަށް އަންގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މައްސަލަ އަނބުރާ ފުލުހަށް ފޮނުވައިފަ އެވެ.
އަލީ ވަހީދަކީ ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސެވެ. އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވުނުއިރު އޭނާ ހުންނެވީ ޖޭޕީގެ ސްލެޓެއްގައި މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކަށެވެ.
ޕީޖީ އޮފީހުން ބުނީ ދައުވާތައް އަނބުރާ ގެންދަން ނިންމީ، އަލީ ވަހީދުގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނެ ކުރިން ބަޔާން ދިން މީހުންނާއި އަލީ ވަހީދާ ދެކޮޅަށް ހެކިބަސް ދިން މީހުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި ބަޔާންތައް އަނބުރާ ގެންދަން އެދި ފުލުހުންނަށް ތަކުރާރުކޮށް ސިޓީ ފޮނުވަމުންދާތީ ކަމަށެވެ. އަދި އެހެންވެ މައްސަލަ އަލުން މުރާޖައާކޮށްދޭން ފުލުހުން އެދުނު ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
"މައްސަލާގައި އަނިޔާ ލިބުނު މީހުންނާއި ހެކިން މި އޮފީހަށާއި ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވަމުން ދިޔަ ސިޓީތަކާ ގުޅިގެން މި އޮފީހުން ވާނީ އެ މީހުންނާ ބައްދަލުކޮށް، މައްސަލަ ކުރިއަށްގެންދިއުމާ ގުޅޭ ގޮތުން ދެކޭ ގޮތް ސާފުކޮށްފަ އެވެ." ޕީޖީގެ ބަޔާނުގައިވެ އެވެ.