ހުޅުމާލޭގައި އިމާރާތްކޮށްފައި 704 ފްލެޓްގެ ނުދެއްކި ހުރި ކުއްޔާއި ޖޫރިމަނާ، ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ހަ މަސް ދުވަހަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ 704 ފްލެޓް ދޫކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދެއްކުމަށް "އުޒުރުވެރިވެފައިވާ" ފަރާތްތަކުން ނުދެއްކިވާ ފައިސާ ދެއްކުމަށް ލުއި ގޮތެއް ހަމަޖައްސައި ދެއްވުމަށް އެ މިނިސްޓްރީގައި އެދެމުންދާ ކަމަށެވެ. އެހެންވެ އެފަދަ މީހުންނަށް ނުދެއްކި ހުރި ފައިސާއާއި ޖޫރިމަނާ، ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ހަ މަސް ދުވަހަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނީ މިކަމަށް އެދޭ ފަރާތްތަކުން މިމަހުގެ 31 ވާ އާދީއްތަ ދުވަހުގެ 2:00ގެ ކުރިން، އައިޑީ ކާޑު ކޮޕީ އާއި، ފްލެޓް ނަންބަރު އަދި ގުޅޭނެ ފޯން ނަންބަރު އެނގޭނެ ގޮތަށް އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލްކުރުމަށް އަންގާފައިވެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މިހާތަނަށް ގަވާއިދުން ފައިސާ ދައްކާފައިނުވާ ފަރާތްތަކުގެ ތެރެއިން، ހަ މަސް ދުވަހުގެ ލުޔަށް އެދި ހުށަނާޅާ ފަރާތްތަކާއި، ހަ މަސް ދުވަހުގެ ލުއި ދިނުމަށް އެދި ހުށަހެޅުމަށްފަހު ސެޓްލްމަންޓް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކާމެދު، ފްލެޓް ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާ އެގްޒިމް ބޭންކުގެ ލޯންގެ އެހީގައި ހުޅުމާލޭގައި ތަރައްގީކުރި 704 ފްލެޓުގެ މަސައްކަތް ކޮށްފައި ވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނުންނެވެ.

އެ ފްލެޓުތަކުގެ މަސައްކަތް ނިންމާ މީހުން ދިރިއުޅެން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. މިއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސޯޝަލް ހައުސިންއަށް ޚާއްސަކޮށްގެން އެންމެ ފަހުން ތަރައްގީކުރި ފްލެޓްތަކެވެ.