އިންޑިއާގެ ތަމިލް ފިލްމު އިންޑަސްޓްރީގެ މެގަ ސްޓާއެއް ކަމަށްވާ ޕްރަބާސްގެ އެންމެ ފަހުގެ ފިލްމު "އަދިޕުރުޝް" ލީކު ކޮށްލައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޕްރަބާސްގެ އެ ފިލްމު މިހާރު އިންޑިއާގެ ބައެއް އޮންލައިން ވެބްސައިޓުތަކުގައި އެބަހުއްޓެވެ. މި ފިލްމު ލީކު ކޮށްލާފައި މިވަނީ ސިނަމާ ތަކަށް ފިލްމު ނެރުނުތާ މަދު ގަޑިއިރު ކޮޅެއްގެ ތެރޭގަ އެވެ.

އެގޮތުން ވެބްސައިޓުތަކުން އެ ފިލްމު ބެލޭނެ ގޮތާއި ޑައުންލޯޑް ކުރެވޭ ގޮތަށް ވެސް ހުރި ކަމަށް ހަބަރުތައް ބުނާއިރު މިއީ ފިލްމުގެ ޕްރޮޑިއުސަރުންނަށް ލިބޭނެ ބޮޑު ގެއްލުމެކެވެ.

ބޮޑު ބަޖެޓަކާއެކު އުފައްދާފައިވާ "އަދިޕުުރުޝް"އަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ފިލްމެކެވެ. އެގޮތުން ފިލްމަށް ސިނަމާތަކުގައި ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް ބޮލީވުޑްގެ އެނަލިސްޓުން އައީ ބުނަމުންނެވެ.

ޕަރަބާސްއާއެކު ކްރިތީ ސެނަން ފެނިގެންދާ "އަދިޕުރުޝް" ފިލްމަކީ 2023 ވަނަ އަހަރު ބޮލީވުޑްގެ އެންމެ ބޮޑު އެއް ފިލްމަށް ވާނެ ކަމަމަށް ގިނަ ބަޔަކު ގަބޫލު ކުރި އެވެ.