އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހަފުތާގައި އެމެރިކާ އަށް ކުރައްވަން ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅާ ދިމާކޮށް ހައްގުތަކަށް އަޑު އުފުލާ ޖަމާއަތްތަކުން މުޒާހަރާ ކުރުމަށް ތައްޔާރުވަމުން އެބަގެންދެ އެވެ.

އެމެރިކާގައި ހައްގުތަކަށް ވަކާލާތުކުރާ ތަފާތު ޖަމިއްޔާތައް ގުޅިގެން މި މުޒާހަރާ ރާވަނީ އިންޑިޔާގައި އިންސާނީ ހައްގުތަކާއި ދެކޮޅަށް ހިންގާ އަމަލުތަކާ ދެކޮޅަށް ވާހަކަ ދެއްކުމަށް އެމެރިކާ ސަރުކާރަށް ބާރުއެޅުމުގެ ގޮތުންނެވެ.

އެމެރިކާގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ތަފާތު ހަތަރު ޖަމާއަތެއް ގުޅިގެން ރާވާ މި މުޒާހަރާ މި މަހު 22 ވަނަ ދުވަހު މޯދީ އާއި ރައީސް ބައިޑަން ވައިޓް ހައުސްގައި ބައްދަލުކުރައްވާ ވަގުތާ ދިމާކޮށް ވައިޓު ހައުސްގެ ކައިރީގައި ބާއްވަން ވަނީ ނިންމާފަ އެވެ.

އެމެރިކާއިން އަންނަނީ އިންޑިޔާ އާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މޯދީގެ ދަތުރުފުޅުގެ ބޭނުންކުރުމަށް އުންމީދު ކުރަމުންނެވެ. ޗައިނާއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ ތެރެއިން ހުސްވާ ޖާގަ ފުރުމަށްޓަކައި އިންޑިޔާގެ ބޭނުން ހިފުމަށް އެމެރިކާ އިން ބޭނުންވެ އެވެ.

ހައްގުތަކާ ބެހޭ ގޮތުން އަޑު އުފުލާ ޖަމާއަތްތަކުން ދެކޭ ގޮތުގައި އެމެރިކާ އިން އިންޑިއާ އާއެކު ބާއްވަން ގަސްދުކުރާ ގުޅުމުގެ ސަބަބުން އިންޑިޔާގެ އިންސާނީ ހައްގުތަކުގެ މައްސަލައަށް ސަމާލުކަން ނުދެވި ހިނގައިދާނެ އެވެ.

އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ލަފާކޮށްފައިވާ ގޮތުގައި އިންޑިއާގެ ސަރުކާރުން އެ ގައުމުގެ މައިނޯރިޓީ ދީންތަކުގެ މީހުންނާމެދު އަމަލުކުރާ ގޮތާއި ނޫސްވެރިންނަށް ކުރަމުން ގެންދާ އުނދަގޫ ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުވެފަ އެވެ.

މުޒާހަރާ ރާވާ ގްރޫޕްތަކުން ތައްޔާރު ކޮށްފައިވާ ލިއުންތަކުގައި "މޯދީ އަށް މަރުހަބާ ނުކިޔަން"، "އިންޑިޔާ ހިންދީންގެ ބޮޑާކަމުން ސަލާމަތް ކުރޭ" ފަދަ އިބާރާތްތައް ލިޔެފައިވާ ބެނާތައް ހިމެނެ އެވެ.