އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން އިންޑިއާގެ ދެ ސްޓޭޓަކުން މަދުވެގެން ސަތޭކަ މީހުން މަރުވެއްޖެ ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެފި އެވެ.

ހޫނުގެ ސަބަބުން މީހުން މަރުވި ދެ ސްޓޭޓަކީ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ އުއްތުރަ ޕްރަދޭޝް އާއި އިރުމަތީގެ ސްޓޭޓެއް ކަމަށްވާ ބިހާރެވެ.

ކަމާ ބެހޭ ފަރާތްތަކުން ވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ބަލި މީހުން ދުވާލުގެ ހޫނު ވަގުތުގައި ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފަ އެވެ.

އުއްތަރަ ޕްރަދޭޝް އިން މަރުވި 54 މީހުން ވެސް މަރުވެފައިވަނީ ސްޓޭޓްގެ ވެރިރަށް ލަކަނޫ އާ 200 ވަރަކަށް މޭލު ދުރުގައި އޮންނަ ބަލިއާ ނަމަކަށް ކިޔާ ޑިސްޓްރިކްޓަކުންނެވެ.

ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި މަރުވި އެންމެންނަކީ ވެސް 60 އަހަރުން މަތީގެ މީހުންނެވެ. އަދި އޭގެ ތެރެއިން ކޮންމެ މީހަކީ ވެސް ކޮންމެ ވެސް ސިއްހީ މައްސަލައެއް ތަހައްމަލު ކުރާ މީހެކެވެ. އެހެންކަމުން އާދަޔާ ޚިލާފަށް ހޫނު ގަދަވުމުން އެމީހުންގެ ސިއްހީ މައްސަލަ އިތުރަށް ގޯސްވީ ކަމަށް ބެލެވެ އެވެ.

ބަލިއާ ޑިސްޓްރިކްޓްގެ މެޑިކަލް އޮފިސަރަކު ބުނި ގޮތުގައި ހޫނުގަދަވުމާ ގުޅުން ހުރި މައްސަލަތަކުގައި ފާއިތުވި 3 ދުވަހު އެ ޑިސްޓްރިކްޓްގެ ހޮސްޕިޓަލުގައި ގާތްގަނޑަކަށް 300 ވަރަކަށް މީހުންނަށް އެޑްމިޓް ކޮށްގެން ފަރުވާ ދިނެވެ.

ބިހާރުގައި މަރުވި މީހުންގެ ތެރެއިން 40 އަށް ވުރެ ގިނަ މީހުން މަރުވެފައި ވަނީ ކެޕިޓަލް ޕަޓްނާގަ އެވެ. ޕަޓްނާގައި ވެސް 200 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނެވެ.

އިންޑިޔާގައި މީހުން މަރުވަމުންދާ ހިސާބުތަކުގައި މިވަގުތު ހޫނުކަން ހުރީ 45.7 ޑިގްރީގަ އެވެ. ހޫނު ގަދަވާ ދުވަސްވަރު މީހުން މަރުވުމަކީ އިންޑިއާގައި އާންމުކޮށް ހިނގާ ކަމެއް ކަމަށް ވީ ނަމަވެސް ފަހަކަށް އައިސް އެކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އިންޑިއާގެ އާބާދީގެ 1.4 ބިލިއަން މީހުންނަށް ސާފު ބޯފެނެއް ނުލިބެ އެވެ.