ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނު މިއަހަރު 1275 ދަރިވަރަކަށް ލިބިއްޖެ އެވެ.

މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުއްވާލީ މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ. މިފަހަރު ހުޅުވާލެއްވި 720 ލޯން ފުރުސަތަށް 1،507 ދަރިވަރުން ވަނީ ކުރިމަތިލައިފަ އެވެ. މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފަ އެވެ.

އެގޮތުން މިއަހަރުގެ ސްޓޫޑެންޓް ލޯނު 1275 ދަރިވަރަކަށް ދިނުމަށް ނިންމާ އެކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ. އަދި މިލިސްޓް ދަރިވަރުންގެ "މައި އެޑިއު ޕޯޓަލް" އަށް ވެސް އަޕްޑޭޓްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ސަރުކާރުން މަތީ ތައުލީމް ހާސިލްކުރުމަށް ސްޓޫޑެން ލޯން ހަމަޖައްސަވައިދެމުން އަންނައިރު ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ވެސް އަންނަނީ ފަހިކޮށްދެމުންނެވެ.

މި ސަރުކާރުން ފެށި ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން، މިހާތަނަށް ދޫކުރި ސްޓޫޑެންޓް ލޯންގެ ޖުމްލަ 3211 އަށް އަރަ އެވެ.

ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔަވާދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.