މި ދުވަސްވަރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ މީގެ ގާތްގަނޑަކަށް 110 އަހަރު ކުރިން އަޑިއަށް ދިޔަ ޓައިޓޭނިކްގެ ވާހަކަ އެވެ.

އެ ހާދިސާގެ މައްޗަށް 1997 ވަނަ އަހަރު ފިލްމެއް ނެރެފައިވާއިރު އެ ފިލްމާ ބެހޭގޮތުން އޭގެ ބަތަލާ ކޭޓް ވިންސްލެޓް ދީފައިވާ އިންޓަވިއު އެއްވެސް މިވަނީ ފެންމަތިވެފަ އެވެ.

އިނގިރޭސި ޕޮޑް ކާސްޓެއް ކަމަށްވާ "ނައު ޑަބްލިއުޓީއެފް" އަށް ދިން އިންޓަވިއުއެއްގައި ކޭޓް ބުނީ ޓައިޓޭނިކް އިން އޭނާ އަށް ލިބުނު ކާމިޔާބީ އާ އެކު އިނގިރޭސި މީޑިއާ އިން އޭނާއާ މެދު ކަންތައް ކުރީ ވަރަށް ގޯސްކޮށް ކަމަށާއި އެއަށްފަހު މުޅި ދިރިއުޅުން ބަދަލުވި ކަމަށެވެ.

"ފިލްމަށް ލިބުނު ކާމިޔާބާއެކު ގިނަ ގޮންޖެހުންތަކެއް ވެސް ކުރިމަތިވި. އެ ކަންތައް ނިމޭނެ ނަމައޭ ވެސް ހިތަށް އެރި" ކޭޓް ބުނެފައިވެ އެވެ.

އުމުރުން އެންމެ 21 އަހަރުގައި ކުޅުނު ޖޭމްސް ކެމަރޫންގެ ފިލްމް ޓައިޓޭނިކްގެ ކާމިޔާބީ އަށް ފަހު ކޭޓް މުޅި ދުނިޔެއަށް މަޝްހޫރުވި އެވެ.

ޖޭމްސް ކެމަރޫން ލިޔެ ޑައިރެކްޓްކުރި ޓައިޓޭނިކް އިން ކޭޓް އާ އެކު ބަތަލެއްގެ ގޮތުގައި ފެނިގެން ދިޔައީ ލިއަނާޑޯ ޑިކާޕްރިއޯ އެވެ. އެ ދެމީހުންގެ ޖޯޑަށް ވެސް ބޮޑު މަގްބޫލުކަމެއް ލިބުނެވެ.