އަތޮޅު ތެރޭގައި ކޮވިޑް- 19އަށް ޓެސްޓްކުރެވޭ މިންވަރު އިތުރުކުރަން، އިތުރު ހަތަރު ސަރަަޙައްދެއްގައި ޖީން އެކްސްޕާޓް މެޝިން ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފި އެވެ.

އެ ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ޖެހިފައިވާ މީހުން ދެނެގަތުމަށް މުޅި ރާއްޖެ އެކި ޒޯންތަކަކަށް ބަހާލައިގެން ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އަދި މިހާރު ޑަބްލިއުއެޗް.އޯގެ އެހީއާއެކު ލިބިފައިހުރި ޖީން އެކްސްޕާޓް މެޝިންތައް އިންސްޓޯލްކޮށް ޓެސްޓްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ. ށ. ފުނަދޫ، ޅ. ނައިފަރު ގއ. ވިލިނގިލި އަދި ފުވައްމުލައް ސިޓީގައި މިކަމަށް ބަހައްޓަން ބޭނުންވާ މެޝިންތައް މިހާރު އަޅުގަނޑުމެންނަށް ވަނީ ލިބިފައި،" އޭނާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ އެންމެ އުތުރުން ހއ، ހދ އަދި ށ، އަތޮޅު ހިމެނޭ ޒޯނުގައި ދުވާލެއްގެ މައްޗަށް މިހާރު ކުރެވެނީ ދުވާލަކު 60 ޓެސްޓް ކަމަށެވެ. އަދި އެ އަދަދު 200 އަށް އިތުރުކުރަން ނިންމައި، ޑަބްލިޔުއެޗްއޯގެ އެހީގައި ހަތަރު ސަރަހައްދުގައި ބަހައްޓާ ޖީން އެކްސްޕާޓް މެޝިންތައް އިންސްޓޯލްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ޑރ. އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެކްޓިވް ސަވައިލަންސްވެސް ކުރިއަށްދާނެ. އަތޮޅުތެރޭގައި އިތުރަށް އެކްޓިވް ސަވައިލަންސް ވަރުގަދަކުރުމަށް ހަމަ މުޅި ރާއްޖެ ކަވަވާގޮތަށް ޒޯންތަކަކަށް ބަހާލައިގެން ގައިޑްލައިނެއް ހަދައިގެން އޭގެ ދަށުން ޓެސްޓްކުރުމުގެ ކަންކަން ހަމަ ކުރިއަށް އެބަދޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލައި މާލޭ ސަރަހައްދުގައި އެކްޓިވް ސަވައިލަންސްގެ ކަންކަން ކުރިއަށްދާ ގޮތް ރިވައިޒްކޮށް އެކްޓިވް ސަވައިލަންސްކުރާ ކެޓަގަރީތަކާއި ކުރެވޭ އަދަދުތަކަށް ވަރަށް އަވަހަށް ބަދަލުގެންނާނެ ކަމަށެވެ. އަދި މުޅި ރާއްޖެ ކަވަރުކުރެވޭނެ ގޮތަށް ގައިޑްލައިނެއް ހަދައިގެން އެކްޓިވް ސަވައިލަންސް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް-19ގެ ޓެސްޓްކުރުން މިހާރު ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ޒޯނުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 80 ޓެސްޓް ކުރެވެ އެވެ. އަދި މާލޭ ސަރަޙައްދާއި އއ، އދ އަދި ވ އަތޮޅު ހިމެނޭ ސަރަޙައްދުގައި 1،000 އާއި، 1،300 އާ ދެމެދުގެ ޓެސްޓް ކުރެވެ އެވެ. މީގެ އިތުރުން ފ، ދ، ތ އަދި ލ އަތޮޅު ހިމެނޭ ޒޯނުގައި ދުވާލަކު 40 ޓެސްޓް އަދި ގއ، ގދ އަތޮޅު ހިމެނޭ ޒޯނުގައި ވެސް ދުވާލަކު 40 ޓެސްޓް ކުރެވެ އެވެ. އަދި ފުވައްމުލަކާއި އައްޑޫގައި މިހާރު ދުވާލަކު 60 ޓެސްޓް ކުރެވެ އެވެ.

މާލޭ ސަރަހައްދުގެ އިތުރުން ޕީސީއާރު ޓެސްޓް ކުރެވެނީ ކުޅުދުއްފުއްޓާއި ނ. މާފަރުގެ އިތުރުން އައްޑޫގަ އެވެ. އަދި ބ. އޭދަފުށްޓާއި، ރ. އުނގޫފާރާއި، ގދ. ތިނަދޫ އަދި ލ. ގަމުގައި ޖީން އެކްސްޕާޓް ކާޓްރީޖް ބޭނުންކޮށްގެން ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ.

އެޗްއީއޯސީން ބުނީ ކޮވިޑް-19ގެ ޕީސީއާރު ޓެސްޓް ހެދުމަށް ބޭނުންވާ 45،000 މިހާރު ސްޓޮކުގައި އެބަހުރި ކަމަށެވެ. އަދި ޖީން އެކްސްޕާޓް މެޝިނަށް ލައްވާ 11،000 ކާޓްރިޖް އެބަހުރި ކަމަށް އެ ސެންޓަރުން ބުންޏެވެ.