ބޮލީވުޑްގެ ބައެއް ތަރިންނަކީ ލިބުނު މަޝްހޫރުކަމާ އެއްވަރަށް ގާނޫނީ ގިނަ ކަންކަމާ ވެސް ކުރިމަތިލާފައިވާ ތަރިންނެވެ. މި ލިޔުމުގައި މި ބަލާލަނީ ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ ބޮލީވުޑްގެ ބައެއް ތަރިންނަށެވެ.

ސަލްމާން ޚާން

1998 ވަނަ އަހަރު ނުކުތް ފިލްމު "ހަމް ސާތު ސާތު ހޭ"ގެ ޝޫޓިންގެ ތެރެއިން ހިމާޔަތް ކޮށްފައިވާ ޖަނަވާރެއް މަރާލުމުގެ ތުހުމަތުގައި ސަލްމާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައިސްފައިވެ އެވެ.

ސަންޖޭ ދަތު

ސަންޖޭ ދަތު ވަނީ 1992 ވަނަ އަހަރު މުމްބާއީގައި ހިނގި ހަމަނުޖެހުންތަކުގެ ތެެރެއިން އޭނާގެ ގޭޭގައި ބަރު ހަތިޔާރު ބޭނުން ކުރުމުގެ ތުހުމަތުގައި ޖަލު ހުކުމެއް ތަންފީޒް ކޮށްފަ އެވެ.

ރިއާ ޗަކްރޮބޯތީ

އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު މަރުވި މައްސަލައިގެ ތަހުގީގުގެ ތެެރެއިން މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތުގައި ރިއާ ވަނީ އެއް މަސް ދުވަހު ޖަލުގައި ހޭދަ ކޮށްފަ އެވެ. ރިއާއަކީ ސުޝާންތު މަރުވިއިރު އޭނާގެ ލޯބިވެރިޔާ ކަމަށް ބުނެވެ އެވެ.

ޝައިނީ އަހޫޖާ

ގޭގައި ގެންގުޅޭ މީހާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ޝައިނީގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމެއް އައި ނަމަވެސް ދެ އަހަރު ފަހުން އޭނާ ވަނީ ކަފާލާތުގެ ދަށުން މިނިވަން ވެފަ އެވެ.

ޖޯން އަބްރަހަމް

ޖޯންއަކީ ސައިކަލު ދުއްވުމަށް ލޯބިކުރާ ފަރާތެކެވެ. 2006 ވަނަ އަހަރު އޭނާ ދުއްވި ސައިކަލަކުން ޖެހި މަގުމަތިން ހިނގާފައި ދިޔަ ދެ މީހަކަށް އަނިޔާ ވުމުން ޖޯން ވަނީ ޖޫރިމަނާ ދައްކާ 15 ދުވަސް ޖަލުގައި ހޭދަކޮށްފަ އެވެ.