ފޭކް ޑިގްރީ ސެޓްފިކެޓެއްގެ މައްސަލާގައި އިންޑިއާގެ ފުލުހުން ހޯދަން އިއުލާންކުރި ކަލާފާނު ސްކޫލްގެ ޓީޗަރު އަބިން ސީ ރާޖް އިންޑިއާއިން ހައްޔަރުކޮށްފި އެވެ.

ކަލާފާނު އިކޮނޮމިކްސް ކިޔަވައިދެމުންގެންދިޔަ ޓީޗަރ އަބިން ސީ ރާޖް ރާއްޖެއިން ފުރުމަށްފަހު އިންޑިއާގެ ކަޔަމްކުލަމް ފުލުހުން ޗެންނާއީގެ ކޮޗީ އެއާޕޯޓުން އޭނާ ހައްޔަރުކުރީ ހޯމަ ދުވަހުގެ ރޭގަ އެވެ. އޭނާ ހޯދުމުގައި ރާޖްގެ އާއިލާއިން ފުލުހުންނަށް އެއްބާރުލުން ދިން ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އޭނާ ހޯދަން އިންޑިއާ ފުލުހުން އިއުލާންކޮށްފައިވަނީ ފޭކް ސެޓްފިކެޓްތަކެއް އަސްލާ އެއްގޮތަށް ތައްޔާރުކޮށްފައިވާ މައްސަލައެއް ފަޅާއެރުމާ ގުޅިގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިންޑިއާ ފުލުހުން އޭނާ ހޯދާކަން މިނިސްޓްރީއަށް އެނގުނީ ޗުއްޓީއަށް ގައުމަށް ދިޔުމަށް ޓިކެޓް ނަގާފައިވަނިކޮށެވެ. އެހެންވެ އެކަން ދިވެހި ފުލުހުންނަށާއި އިމިގްރޭޝަނަށް ވަގުތުން އެންގި ކަމަށްވެސް މިނިސްޓްރީން ހާމަކުރެ އެވެ.

މިނިސްޓްރީން މިހާރު އަންނަނީ އަބިން ވަޒީފާއިން ޓާމިނޭޓް ކުރުމުގެ ކަންކަން ކުރަމުންނެވެ. އަދި އޭނާއަށް ރާއްޖެ ނާދެވޭ ގޮތަށް ބްލެކްލިސްޓް ކުރުމުގެ ކަންކަން އިމިގްރޭޝަންއާ ގުޅިގެން ކުރަމުންނެވެ.