ރަޝިއާއިން ކޮރޯނާވައިރަހަށް އުފައްދާފައިވާ "ސްޕަޓްނިކް-ވީ" ވެކްސިންގެ އެންމެ ފުރަތަމަ ޑޭޓާތަކުގައި ސުވާލުއުފެދޭ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

އިޓަލީގައި މަސައްކަތްކުރާ 26 ސައިންސްވެރިން ސޮއިކުރައްވައި ދަ ލެންސެޓްގެ އެޑިޓަރަށް ފޮނުވި ހުޅުވިފައިވާ ސިޓީއެއްގައި ވާގޮތުން އެންމެ ފުރަތަމަ ސްޓޭޖްގެ ޓެސްޓްތަކުގެ ނަތީޖާތަކުގައި "ވަރަށް ގަބޫލު ނުކުރެވޭ" އަދަދުތަކެއް އެބަހުރި ކަމަށެވެ.

ދަ ލެންސެންޓްއަކީ މި ވެކްސިން އުފެއްދި ގަމާލެޔާ އިންސްޓިޓިއުޓުން ހެދި އެންމެ ފުރަތަމަ ޓެސްޓްތަކުގެ ނަތީޖާ ޝާއިއުކުރި ޕިއާ ރިވިއުޑް ޖާނަލް އެވެ.

މި ސިޓީގައި އިތުރަށް ބުނެފައިވާ ގޮތުން ފޭސް އެކެއްގެ ނަތީޖާތަކުގައި ބައިވެރިވި ގިނަ އަދަދެއްގެ މީހުންގެ ގައިން އެންޓިބޮޑީސް ފެނިފައިވަނީ އެއްވަރަކަށް ކަމަށާއި ގިނަ އަދަދަކަށް ޑޭޓާތައް ތަކުރާރުވެފައިވާ ކަމަށެވެ. ނަމަވެސް ސައިންސްވެރިން ބުނެފައިވާ ގޮތުގައި އެމީހުން އެ ނިންމުމަށް އައިސްފައިވަނީ އޮރިޖިނަލް ޑޭޓާގެ ބަދަލުގައި ލެންސެންޓްގައި ޝާއިއުކޮށްފައިވާ ޑޭޓާތަކަށް ބިނާކޮށްފަ އެވެ.

ގަމާލެޔާ އިންސްޓިޓިއުޓުން ވަނީ މި ވާހަކަތައް ދޮގުކޮށްފަ އެވެ.

"ޝާއިއުކޮށްފައިވާ ނަތީޖާ ތަކަކީ ލެންސެންޓްގެ ފަސް ބޭފުޅުން ރިވިއުކޮށްފައި ހުރި ރަނގަޅު ޑޭޓާތައް،" އެ އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރެއް ކަމަށްވާ ޑެނިސް ލޮގުނޮވް ވިދާޅުވި އެވެ. -ރޮއިޓާސް