ސައޫދީ އަރަބިއާގެ ޖިއްދާއަށް ނިސްބަތްވާ އުމުރުން އެންމެ 13 އަހަރުގެ އުމަރު އަލް އަންސާރީގެ އަޑު އިންޓަނެޓުގައި މިހާރު ގަދަވެފައިވަނީ މި އަހަރުގެ ހައްޖުގެ އަޅުކަން އާއްމުންނަށް ގެނެސްދިނުމުގައި ހަރަކާތްތެރިވި އެންމެ ހަގު ނޫސްވެރިޔާގެ ގޮތުގަ އެވެ.

އުމަރުގެ މި ދަތުރު ފެށިގެން ދިޔައީ ސައޫދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީއިން ދިން ހުއްދައާއެކު ހައްޖުގެ އަޅުކަމަށް އެގައުމަށް އެތެރެވި މުސްލިމުންނާ އިންޓަވިއު ކުރުމުގެ ތެރެއިންނެވެ.

ހައްޖުގެ ހަބަރުތައް ގެނެސްދިނުމަށް ހާއްސަ ވުމުގެ ކުރިން އުމަރަކީ ސައޫދީ އަރަބިއާގެ ފަތުރުވެރިކަމުގެ ހަބަރުތައް ގެނެސްދިނުމުގައި ހަރަކާތްތެރިވި ނޫސްވެރިޔެކެވެ.

"މި ފުރުސަތު ހައްޖު މިނިސްޓްރީއިން އަޅުގަނޑަށް ދިނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް" ސައޫދީގެ ނޫހެއް ކަމަށްވާ އަލް އަރަބް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އުމަރު ބުންޏެވެ.

ހައްޖުގެ އަޅުކަމަށް އައި މުސްލިމުންނާ އިނގިރޭސި ބަހުން އިންޓަވިއު ކުރިއިރު އޭނާ ވަނީ ހައްޖާޖީންގެ އިހުސާސްތަކާއި ސައޫދީގެ އިންތިޒާމުތަކާ ބެހޭ ގޮތުން ސުވާލު ކޮށްފަ އެވެ.

އެގޮތުން ސައޫދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީގެ ޓްވިޓާ އެކައުންޓްގައި އާއްމުކޮށްފައިވާ އުމަރުގެ ވީޑިއޯއަކަށް 680،000 އަށްވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.

އުމަރުގެ މި ދަތުރުގައި އޭނާގެ އެންމެ ގާތުން އެހީވެދިނީ އޭނާގެ ބައްޕަ އިއްސާމް އަލް އަންސާރީ އެވެ. ދެ ބަފައިންގެ މަސައްކަތުން ހައްޖުގެ ކުރު ވީޑިއޯތައް އާއްމުންނަށް ގެނެސްދީފައިވެ އެވެ.

އުމަރުގެ މަސައްކަތްތަކުގެ ސަބަބުން އޭނާއަށް ގިނަ ބައެއްގެ ތައުރީފް ލިބެމުން އަންނައިރު ނޫސްވެރިކަމުގެ ދާއިރާގައި އޭނާގެ މުސްތަގްބަލް ވަރަށް އަލިގަދަ ކަމަށް ވެސް މީހުުން އަންނަނީ ބުނަމުންނެވެ.