2009 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "3 އިޑިއަޓްސް"ގެ ދެވަނަ ބައެއްގެ މަސައްކަތް އެ ފިލްމުގެ ފުރަތަމަ ބައިގައި ފެނިގެންދިޔަ ތަރިންނާއެކު ފެށިދާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން 3 އިޑިއަޓްސްގެ އެއް ލީޑު އެކްޓަރު ޝަރްމާން ޖޯޝީ ބުނީ ފިލްމުގެ މައި ތިން ތަރިންނާއެކު ދެވަނަ ބައެއްގެ މަސައްކަތް ކުރަން ޑައިރެކްޓަރު ރާޖް ކުމާރް ހިރާނީ ބޭނުންވާ ކަމަށެވެ.

އެގޮތުން ފިލްމުގެ ދެވަނަ ބައިގެ ވާހަކައާ ބެހޭގޮތުން ޚިޔާލުތަކެއް ހިރާނީ ހިއްސާ ކޮށްފައވާ ކަމަށާއި އެކަމުގެ މަސައްކަތް އޭނާ ކުރަމުން އަންނަ ކަމަށް ޝަރްމާން ބުންޏެވެ.

ޝަރްމާން ބުނީ އެ ފުރުސަތު ލިބުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށާއި އެ ފިލްމުގެ ދެވަނަ ބައެއްގައި މަސައްކަތް ކުރުމަކީ ލިބޭނެ އުފަލެއް ކަމަށެވެ.

3 އިޑިއަޓްސްގެ ފުރަތަމަ ބައިގައި ފެނިގެން ގޮސްފައިވަނީ ޝަރްމާންގެ އިތުރުން އާމިރް ޚާންއާއި އާރް މަދަވަން އެވެ. އަންހެން ބަތަލާއެއްގެ ގޮތުަގައި ހަރަކާތްތެރިވީ ކަރީނާ ކަޕޫރެވެ.

"3 އިޑިއަޓްސް،"އަކީ މިހާތަނަށް ބޮލީވުޑް ދުށް އެންމެ ކާމިޔާބު ފިލުމުތަކުގެ ތެރެއިން އެއް ފިލްމެވެ. އެ ފިލްމަށް ބޮކްސްއޮފީހުގައި ބޮޑު އާމްދަނީއެއް ލިބުނެވެ.